ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި، ނަޝީދާއި ސޯލިހު އަށް ވަނީ ޕާޓީގެ އެޑްވައިޒަރުކަން ދިނުމުގެ އިތުރުން، ގައުމީ މަޖިލީހުގެ މެމްބަރުކަން ވެސް ދޭން ފާސްކޮށްފަ އެވެ.
އިދިކޮޅު އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ބައިބައިވުންތައް ހައްލުކޮށް، އެ ޕާޓީގެ އެޑްވައިރުންގެ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަނުކޮށް، ދެ ރައީސުންނަށް ވެސް ގައުމީ މަޖިލީހުގެ މެމްބަރުކަން ދީފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީން ހޯދި ކާމިޔާބީ ފާހަގަކުރަން ބޭއްވި ޖަލްސާގައި ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލަށް ވާހަކަ ދެއްކެވުމުގެ ފުރުސަތު ނުދިން ކަމަށް ވިދާޅުވެ، އެ ދެ ބޭފުޅުން ވެސް ވަނީ ޖަލްސާ ބޮއިކޮޓުކޮށްފަ އެވެ.
އެއާ އެކު ޕާޓީގެ ތެރޭގައި ބޮޑު ކޯޅުމެއް އުފެދި، އެމްޑީޕީގެ ލީގަލް ޑިރެކްޓަރުގެ މަގާމުން އަހުމަދު މައޫރުފު އާއި ޑެޕިއުޓީ ޗެއާޕާސަންކަމުން އިބްރާހީމް ވަހީދު (އިބްރޭ) ވަކި ކުރި އެވެ. އަދި ވަގުތީ ޗެއާޕާސަންކަމުން ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުލްގަފޫރު މޫސާ ވަކި ކުރުމުގެ މަސައްކަތް ވެސް އެ ޕާޓީގެ ތެރޭގައި ފެށި އެވެ.
ނަމަވެސް، ގަފޫރާއި ފައްޔާޒް ކުރެއްވި މަޝްވަރާތަކަށްފަހު، ވަކި ކުރި ދެ ބޭފުޅުންގެ މަގާމު އަލުން އިޔާދަކޮށް، މުހިންމު ނިންމުންތަކެއް ނިންމަން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ޖަލްސާއެއް މިރޭ ބާއްވަން ނިންމި އެވެ.
ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި، ނަޝީދާއި ސޯލިހު އަށް ވަނީ ޕާޓީގެ އެޑްވައިޒަރުކަން ދިނުމުގެ އިތުރުން، ގައުމީ މަޖިލީހުގެ މެމްބަރުކަން ވެސް ދޭން ފާސްކޮށްފަ އެވެ.
ގައުމީ މަޖިލީހުން ވަނީ މިކަމަށް ފަހިކުރަން އެމްޑީޕީގެ އަސާސީ ގަވާއިދު ބަދަލުކުރަން ނިންމައި، ދެން އެންމެ އަވަހަށް ބާއްވާ އެ ޕާޓީގެ ކޮންގްރެސްއަށް ހުށަހަޅައިގެން ރުހުން ހޯދުމަށް ނިންމައިފަ އެވެ.
މީގެއިތުރުން، މިރޭގެ ބައްދަލުވުމުގައި ވަނީ ދާއިމީ ޗެއާޕާސަނެއް އިންތިހާބު ކުރެވެންދެން އެމްޑީޕީގެ ހިންގުން ވަގުތީ ގޮތުން އެ ޕާޓީގެ ފަސް ލީޑަރުންގެ މައްޗަށް އެކުލެވޭ ކޮމެޓީއެއް އެކުލަވައިލަން ފާސްކޮށްފަ އެވެ.
އެ ކޮމެޓީގައި ތިއްބަވާނެ ބޭފުޅުންނަކީ؛
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްގަފުރު މޫސާ
ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު
ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް