އެމްޑީޕީ އެތެރޭގެ މައްސަލަތައް އަލުން ފެށުނީ ކައުންސިލް އިންތިހާބުގައި އެ ޕާޓީ އަށް ލިބުނު ކާމިޔާބީ ފާހަގަ ކުރަން ބޭއްވި ޖަލްސާގައި ނަޝީދާއި ފައްޔާޒަށް ފުރުސަތު ނުދިން މައްސަލައިގަ އެވެ.

އެމްޑީޕީގެ އެތެރޭގައި ޖެހުނު މައްސަލަތައް ހައްލުވުމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލަށް ޝުކުރު އަދާ ކުރައްވައިފި އެވެ.
އެމްޑީޕީ އެތެރޭގެ މައްސަލަތައް އަލުން ފެށުނީ ކައުންސިލް އިންތިހާބުގައި އެ ޕާޓީ އަށް ލިބުނު ކާމިޔާބީ ފާހަގަ ކުރަން ބޭއްވި ޖަލްސާގައި ނަޝީދާއި ފައްޔާޒަށް ފުރުސަތު ނުދިން މައްސަލައިގަ އެވެ.
އޭގެ ފަހުން އެމްޑީޕީގެ ލީގަލް ޑިރެކްޓަރުގެ މަގާމުން އަހުމަދު މައޫރުފު އާއި ޑެޕިއުޓީ ޗެއާޕާސަންކަމުން އިބްރާހީމް ވަހީދު (އިބްރޭ) ވަކި ކުރި އެވެ. އަދި ވަގުތީ ޗެއާޕާސަންކަމުން ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުލްގަފޫރު މޫސާ ވަކި ކުރުމުގެ މަސައްކަތް ވެސް އެ ޕާޓީގެ ތެރޭގައި ފެށި އެވެ.
ނަމަވެސް ގަފޫރު އާއި ފައްޔާޒް ދެ ބޭފުޅުން މަޝްވަރާ ކުރެއްވުމަށް ފަހު ސަލާން ކުރައްވާ ވީޑިއޯއެއް އެ ޕާޓީގެ މެންބަރުން އިއްޔެ ސޯޝަލް މީޑިއާގައި އާންމު ކުރި އެވެ.
އެކަމާ ގުޅޭ ގޮތުން މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވަނީ އެކަމަށް މަރުހަބާ ވިދާޅުވެފަ އެވެ.
"އެމްޑީޕީގެ އެތެރޭގެ ހިލާފުތައް ހަމަޖެއްސެވުމަށް ފައްޔަޒް ކުރެއްވި ބުރަ މަސައްކަތަށް ޝުކުރު ދަންނަވަން. ރައީސް ސޯލިހާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު އަށް ވެސް މަރުހަބާ ދަންނަވަން." ނަޝީދު ވިދާޅުވި އެވެ.
ރޭ ޅ. ހިންނަވަރުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ސޯލިހު ވެސް ވަނީ އެކަން ފާހަގަ ކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީއަކީ އަބަދުވެސް ހިޔާލު ތަފާތުވުންތަކަށް ފުރުސަތު އޮންނަ ޕާޓީއެކެވެ. ނަމަވެސް އެ ހިޔާލު ތަފާތުވުންތަކުގެ ސަބަބުން އާންމު މެންބަރުންގެ މެދުގައި މާޔޫސްކަން އުފެދިގެން ދިޔަ ކަމަށާއި އެހެންވެ އެ ކަންކަން ހައްލު ކޮށްފައިވާ ކަމަށް ސޯލިހު ވިދާޅުވި އެވެ.