އޭޑީބީން ލަފާކުރާ ގޮތުގައި، 2025 ވަނަ އަހަރު 5.4 ޕަސެންޓުން ރާއްޖޭގެ އިގުތިސާދު ކުރިއަރާފައިވާއިރު، މި އަހަރު އެ އަދަދު 1.0 ޕަސެންޓަށް ވެއްޓޭނެ އެވެ.

މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، ރާއްޖޭގެ އިގުތިސާދު ކުރިއަރާ މިންވަރު މި އަހަރު 1.0 ޕަސެންޓަށް ވެއްޓޭނެކަމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)އިން ލަފާކޮށްފި އެވެ.
އޭޑީބީން މި މަހު ނެރުނު ރިޕޯޓުގައި ބުނީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ފަތުރުވެރިކަމާއި ތެލާއި ގޭހުގެ އަގުތަކާއި މާލީ އަދި ބޭރުގެ ބަފަރުތަކަށް ޕްރެޝަރު އިތުރުވާތީ މި އަހަރު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ވަރަށް ބޮޑަށް މަޑުޖެހޭނެ ކަމަށެވެ.
އޭޑީބީން ލަފާކުރާ ގޮތުގައި، 2025 ވަނަ އަހަރު 5.4 ޕަސެންޓުން ރާއްޖޭގެ އިގުތިސާދު ކުރިއަރާފައިވާއިރު، މި އަހަރު އެ އަދަދު 1.0 ޕަސެންޓަށް ވެއްޓޭނެ އެވެ.
ނަމަވެސް، ހަނގުރާމަ ނިމުމަކަށް އައުމުން، ޓޫރިޒަމް ރަނގަޅުވެ، ތެލުގެ އަގު ހަމައަކަށް އެޅުމުން 2027 ވަނަ އަހަރު އިގުތިސާދީ ކުރިއެރުން 3.0 ޕަސެންޓަށް އިތުރުވާނެ އެވެ.
އަދި އިމްޕޯޓް ހަރަދު ބޮޑުވުމުގެ ސަބަބުން 2026 ވަނަ އަހަރު އިންފްލޭޝަން ނުވަތަ ތަކެތީގެ 5.0 ޕަސެންޓު މައްޗަށް ދާނެ ކަމަށް ވެސް އޭޑީބީން ލަފާކޮށްފައިވެ އެވެ.
އޭޑީބީން ބުނީ، މި މަހުގެ 2 ވަނަ ދުވަހު 500 މިލިއަން އެމެރިކާ ޑޮލަރު އަނބުރާ ދައްކާފައިވިޔަސް، ދަރަނީގެ ގޮންޖެހުންތައް ރާއްޖެއަށް އަދިވެސް ބޮޑު ކަމަށެވެ.
އެހެންކަމުން، ޓޫރިޒަމްގެ އާމްދަނީ ދަށްވުމާއި ތެލުގެ އަގު ބޮޑުވުމުން ސަރުކާރުގެ ބަޖެޓަށް ޕްރެޝަރު ބޮޑުވެ، މާލީ އިސްލާހުތައް އިތުރަށް އަވަސްކުރަންޖެހޭ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
2025 ވަނަ އަހަރު ފަތުރުވެރިން އަންނަ މިންވަރު 10 ޕަސެންޓު އިތުރުވެފައިވާއިރު، މިއީ މާލޭ އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވުމުން ލިބުނު ކުރިއެރުމެކެވެ.
ނަމަވެސް އޭގެ ކުރީ އަހަރަށް ވުރެ އެވްރެޖްކޮށް ޓޫރިސްޓުން ރޭގަނޑު ރާއްޖޭގައި ހޭދަކުރި މުއްދަތު ކުރު ކަމަށް އޭޑީބީން ފާހަގަކޮށްފައިވެ އެވެ.
މެދުއިރުމަތީގައި ހަމަނުޖެހުން ހިނގި ނަމަވެސް، 2026 ވަނަ އަހަރު ރާއްޖެއަށް އަންނަ ޓޫރިސްޓުން އިތުރުވާނެ ކަމަށް އޭޑީބީން ލަފާކުރަނީ ކުރިއަށް ވުރެ މަޑު ދުވެލީގަ އެވެ.