އިސްރާއީލުން ލުބުނާނުގެ 100 އަށްވުރެ ގިނަ ސަރަހައްދަށް ދިން ހަމަލާތަކުގައި އެންމެ 10 މިނެޓް ތެރޭގައި 300 އަށްވުރެ ގިނަ މީހުން މަރުވެ، 1200 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

އިސްރާއީލުން ލުބުނާނަށް ދެމުންދާ ވަރުގަދަ ހަމަލާތަކާ ގުޅިގެން، ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ޚަވާޖާ އާސިފް އިސްރާއީލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެއީ އިންސާނިއްޔަތަށް އޮތް "ލައުނަތެއް" އަދި "ކެންސަރެއް" ކަމަށް ސިފަކުރައްވައިފި އެވެ.
އާސިފް މިމޭރުމުން ވާހަކަދެއްކެވީ، އެމެރިކާއާއި އީރާނާ ދެމެދު ޕާކިސްތާނުން މެދުވެރިވެގެން ވަގުތީ ސުލްހައިގެ އެއްބަސްވުމަކަށް އާދެވުނުތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އިސްރާއީލުން ލުބުނާނަށް ބޮން އަޅައި، އެތައް ސަތޭކަ ބަޔަކު ޝަހީދުކޮށްލުމާ ގުޅިގެންނެވެ.
"އިސްރާއީލަކީ ނުބައި، އިންސާނިއްޔަތަށް އޮތް ކެންސަރެއް. އިސްލާމްއާބާދުގައި ސުލްހައިގެ ވާހަކަތައް ކުރިއަށްދާއިރު، ލުބުނާނުގައި އެދަނީ ގަތުލުއާންމު ހިންގަމުން،" ޚަވާޖާ އާސިފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
އިސްރާއީލުން ލުބުނާނުގެ 100 އަށްވުރެ ގިނަ ސަރަހައްދަށް ދިން ހަމަލާތަކުގައި އެންމެ 10 މިނެޓް ތެރޭގައި 300 އަށްވުރެ ގިނަ މީހުން މަރުވެ، 1200 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. މިއީ 1990 ވަނަ އަހަރު ލުބުނާނުގެ ދާޚިލީ ހަނގުރާމަ ނިމުނު ފަހުން އެގައުމުގައި ހިންގި އެންމެ ބޮޑު ގަތުލުއާންމެވެ.
ޕާކިސްތާނުން މެދުވެރިވެގެން އެމެރިކާ އާއި އީރާނާ ދެމެދު ދެ ހަފުތާގެ ސުލްހައިގެ އެއްބަސްވުމެއް ގާއިމުކޮށް، އިސްލާމްއާބާދުގައި މަތީ ފަންތީގެ މަޝްވަރާތައް ބޭއްވުމަށް ވަނީ ތާވަލުކުރެވިފަ އެވެ. ނަމަވެސް އިސްރާއީލުގެ މި ހަމަލާތަކަކީ މި މަޝްވަރާތަކަށް ހުރަސްއެޅުމަށް ގަސްދުގައި ކުރި ކަމެއް ކަމަށް ޕާކިސްތާނުން ތުހުމަތުކުރެ އެވެ.
ޚަވާޖާ އާސިފްގެ ބަޔާނާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުނީ، އިސްރާއީލު ނައްތާލުމަށް ގޮވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ސުލްހަ ގާއިމުކުރަން އުޅޭ ގައުމެއްގެ ފަރާތުން މިފަދަ ބަސްމަގަކަށް އުއްމީދު ނުކުރާ ކަމަށްވެސް ބުނެފައިވެ އެވެ. އިސްރާއީލުގެ ފޮރިން މިނިސްޓަރު ގިޑިއޯން ސާރް ވިދާޅުވީ ޔަހޫދީ ދައުލަތަކީ "ކެންސަރެއް" ކަމަށް ބުނުމަކީ އެ ގައުމު ނައްތާލަން ގޮވާލުން ކަމަށާއި، އިސްރާއީލުން ދިފާއުގައި ހަމަލާދެމުން ގެންދާނެ ކަމަށެވެ.