މި ދައުވާތަކަކީ މަދަނީ ތަބީއަތުގެ ދައުވާތަކެއް ކަމަށާއި، އައްމަޓީގެ މި އަމަލުތަކާ ގުޅިގެން ފިޔަވަޅު އަޅަންޖެހެނީ މަދަނީ އަދުލުގެ ނިޒާމުގެ ތެރެއިންކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރު ވިދާޅުވި.

މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ ހޯދާފައިވާ ކަމަށް ތުހުމަތުކޮށް ދައުވާކޮށްފައިވާ ސީލައިފް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ (އައްމަޓީ)ގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އައްމަޓީގެ މައްޗަށް ދައުވާ ކުރީ އެޗްޑީސީ އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް ހަވާލުކުރުމުން، ހައުސިންގ ޔުނިޓުތައް އެޅުމަށް ދީފައިވާ މުއްދަތުގައި ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަނުކޮށް މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގަ އެވެ.
އެގޮތުން، އެ މައްސަލައިގައި ހިޔާނާތުގެ ކުށުގެ 42 ދައުވާ 30 މޭ 2021 ގައި ކްރިމިނަލް ކޯޓަށް ހުށަހެޅި އެވެ.
މި މައްސަލައިގެ ޝަރީއަތް ހިންގުމަށްފަހު، އެ ދައުވާތައް އައްމަޓީގެ މައްޗަށް ސާބިތުނުވާކަމަށް މިއަދު ކްރިމިނަލް ކޯޓުން ވަނީ ނިންމައިފަ އެވެ.
ދައުވާތައް ސާބިތުނުވާކަމަށް ނިންމާފައިވާ މައިގަނޑު ސަބަބަކީ، މި ދައުވާތަކަކީ މަދަނީ ތަބީއަތުގެ ދައުވާތަކެއް ކަމަށާއި، އައްމަޓީގެ މި އަމަލުތަކާ ގުޅިގެން ފިޔަވަޅު އަޅަންޖެހެނީ މަދަނީ އަދުލުގެ ނިޒާމުގެ ތެރެއިންކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރު ހުކުމް އިއްވަވަމުން ވިދާޅުވި އެވެ.
ޕީޖީ އޮފީހުން ބުނީ، މި މައްސަލާގައި އައްމަޓީގެ މައްޗަށް ކޮށްފައިވާ ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާތަކަކީ، ގާނޫނުލްއުގޫބާތުގެ 215 ވަނަ މާއްދާގައި ބަޔާންކުރާ ހިޔާނާތްތެރިވުމުގެ ކުށުގެ އުންސުރުތައް ފުރިހަމަވާ ދައުވާތަކެއްކަމަށް ދެކޭ ކަމަށެވެ.
"މިއީ މަދަނީ ތަބީއަތުގެ މުއާމަލާތްތަކެއްކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ މި ދައުވާތައް ސާބިތުކުރުމަށް ކޯޓަށް ހުށަހެޅި ހެކިތަކަށް އެކަށީގެންވާ މިންވަރަށް ރިއާޔަތްކުރުމާ ނުލައި އަދި ގާނޫނުގައި ހިޔާނާތްތެރިވުމުގެ ކުށް ބަޔާންކޮށްފައިވާ ގޮތަށް ރަނގަޅުނޫން މާނަކުރުމެއް ދީގެންކަމަށް ދެކެމެވެ،" އެ ބަޔާނުގައި ބުންޏެވެ.
އެހެންކަމުން، މި ދައުވާތައް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ގަސްދުކުރާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.