އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ދަށުން އަލަށް އިންތިހާބުވި ކައުންސިލަރުން ހުވާ ކުރުމުގެ ތާރީހު ކަނޑައަޅާފައި ވަނީ އެންމެ ފަހުން ކައުންސިލަރުން ހުވާކުރިތާ ފަސް އަހަރު ދުވަހަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އަލަށް އިންތިހާބުވި ކައުންސިލަރުން ހުވާކުރުން އަންނަ މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފި އެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ދަށުން އަލަށް އިންތިހާބުވި ކައުންސިލަރުން ހުވާ ކުރުމުގެ ތާރީހު ކަނޑައަޅާފައި ވަނީ އެންމެ ފަހުން ކައުންސިލަރުން ހުވާކުރިތާ ފަސް އަހަރު ދުވަހަށެވެ.
މިހާރު ތިބި ކައުންސިލަރުން ހުވާކުރިތާ ފަސް އަހަރު ފުރޭ ދުވަހަކީ އަންނަ މަހުގެ 17 ވަނަ ދުވަހެވެ.
ކައުންސިލް އިންތިހާބާއެކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތައް ވެސް ވަނީ އިންތިހާބު ކޮށްފަ އެވެ. އެ ކޮމެޓީތަކުގެ މެންބަރުން ހުވާ ކުރުމުގެ ބަދަލުގައި އިގުރާރެއްގައި ސޮއިކުރާނެ އެވެ. އެކަން ކުރާނީ ކައުންސިލަރުން ހުވާ ކުރާ ރަސްމިއްޔާތުގަ އެވެ.
ނިމިދިޔަ އިންތިހާބުގައި ކައުންސިލްތަކަށް 681 މެމްބަރުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 681 މެމްބަރުން ވަނީ އިންތިހާބު ކޮށްފަ އެވެ.