ޔަހޫދީ މީޑިއާއިން ބުނެފައިވާ ގޮތުގައި ހިޒްބުﷲގެ ސެކްރެޓަރީ ޖެނެރަލް ނައީމް ގާސިމްގެ ޕާސަނަލް ސެކްރެޓަރީ އަދި އޭނާގެ އާއިލީ ބޭފުޅެއް ކަމަށްވާ އަލީ ޔޫސުފް ހަރްޝީ، އިސްރާއީލުން ބައިރޫތަށް އިއްޔެ ދިން ވައިގެ ހަމަލާއެއްގައި ވަނީ މަރުވެފަ އެވެ.

އިސްރާއިލް- އެމެރިކާއިން އިސްވެ ފެށި ހަނގުރާމަ ނިންމަން އެއްބަސްވުމަކަށްދާން ހެދި ދެލިކޮޕީގައި ހިމެނޭ ޝަރުތުތައް ބޮލާލައި ޖަހައި، ޔަހޫދީ ޒަޔަނިސްޓު ދައުލަތުން ދިން ހަމަލާގައި ހިޒްބުﷲ ގެ މިހާރުގެ ލީޑަރު އަވަހާރަކޮށްލައިފި އެވެ.
ހަމަލާ ބަދަލު ކުރުން ހުއްޓާލައި ވާހަކަ ފަށަން އީރާނާއި އެމެރިކާއިން އެއްބަސްވުމަށް މާދަމާ ވާހަކަތައް ފަށަން ތައްޔާރުވަމުން ދަނިކޮށް އިސްރާއިލުން އިއްޔެ ވަނީ ލުބުނާނުގެ ބެރިރޫތަށް ޓެރެރިސްޓް ހަމަލާތަކެއް ދީފަ އެވެ. އެގައުމުގެ މީހުން އުޅޭ އިމާރާތްތަކާއި އާއްމުން ބޭނުންކުރާ ގިނަ ތަންތަން ހިމެނޭހެން 160 އަށްވުރެ ގިނަ ތަނަށް 10 މިނެޓު ތެރޭގައި ވަނީ ބޮން އަޅާފަ އެވެ.
ޔަހޫދީ މީޑިއާއިން ބުނެފައިވާ ގޮތުގައި ހިޒްބުﷲގެ ސެކްރެޓަރީ ޖެނެރަލް ނައީމް ގާސިމްގެ ޕާސަނަލް ސެކްރެޓަރީ އަދި އޭނާގެ އާއިލީ ބޭފުޅެއް ކަމަށްވާ އަލީ ޔޫސުފް ހަރްޝީ، އިސްރާއީލުން ބައިރޫތަށް އިއްޔެ ދިން ވައިގެ ހަމަލާއެއްގައި މަރުވެއްޖެ ކަމަށް އިސްރާއީލް އަސްކަރިއްޔާ އިން ވަނީ މިއަދު އިއުލާންކޮށްފިއެވެ.
އިސްރާއީލުން ބުނާ ގޮތުގައި މި ހަމަލާ އަމާޒުކޮށްފައިވަނީ ބައިރޫތުގެ ތައްލެތު ޚަޔާތު އަވަށަށެވެ. މިއީ ހިޒްބުﷲގެ މައި މަރުކަޒު ކަމަށްވާ ދާހިޔާގެ ބޭރުން ދެވުނު ހަމަލާ އެކެވެ. މި ހަމަލާގައި އެ ސަރަހައްދުގައި ހުރި ބޮޑު އިމާރާތެއްގެ ބައެއް ބިމާ ހަމަވެފައިވާ މަންޒަރު ފެންނަ ވީޑިއޯތައް ވަނީ އާންމުވެފަ އެވެ.
އިސްރާއީލް އަސްކަރިއްޔާގެ ބަޔާނުގައި ބުނެފައިވަނީ ހަރްޝީ އަކީ ނައީމް ގާސިމްގެ ސެކްރެޓަރީގެ އިތުރުން އޭނާގެ ކޮއްކޮގެ ދަރިއެއް ކަމަށެވެ. އަދި އޭނާއަކީ ގާސިމްގެ އޮފީހާއި އޭނާގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އެންމެ އިސް ދައުރެއް އަދާކުރި، ގާތް މުޝީރެއް ކަމަށް ވެސް ބުނެފައިވެ އެވެ.
މީގެ އިތުރުން، ލިތާނީ ކޯރު ހުރަސްކުރަން ހިޒްބުﷲ އިން ބޭނުންކުރާ ދެ މަގަކަށް ރޭގެ ވަގުތެއްގައި ހަމަލާދީފައިވާ ކަމަށްވެސް އިސްރާއީލުން ބުނެ އެވެ. މި މަގުތަކަކީ ލުބުނާނުގެ ދެކުނަށް ހަތިޔާރާއި ރޮކެޓް ފޮނުވުމަށް ބޭނުންކުރާ މުހިންމު މަގުތަކެއް ކަމަށް އަސްކަރިއްޔާއިން ފާހަގަކުރެއެވެ.
ޔޫރަޕުން މެދުއިރުމަތީގައި އިންދާފައިވާ ވިހައެއްފަދަ މި ދައުލަތުން ލުބުނާނަށް މި ހަމަލާދީފައިވަނީ އެމެރިކާއިން މަޖުބޫރުވެގެން އީރާނާއެކު ހަދަން މަސައްކަތްކުރާ އެއްބަސްވުން ފެއިލްކޮށްލުމަށް ކަމަށް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ. މި އެއްބަސްވުމުގައިވާ ގޮތުން ލުބުނާނަށްވެސް ހަމަލާއެއް ނުދެވޭނެ އެވެ. އަދި އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ވެސް މަޖުބޫރު ވެގެންދާނެ އެވެ.