މި މައްސަލައިގެ އަޑުއެހުންތައް އިއްޔެ ކްރިމިނަލް ކޯޓުގައި ވަނީ ނިންމާލާފަ އެވެ. އިއްޔެގެ އަޑުއެހުމުގައި ދެފަރާތުން ހުލާސާކޮށް ވާހަކަދައްކައި، ފަހު ބަސް އިއްވާފައިވެ އެވެ. ދެން އޮންނާނީ މި މައްސަލައިގެ ހުކުމް ކުރުމެވެ.

މީގެ ފަސް އަހަރު ކުރިން، ޓެރަރިޒަމްގެ ހަމަލައެއް ދޭން އުޅޭ ކަމުގެ ތުހުމަތަށް ތ. ތިމަރަފުށިން ހައްޔަރުކޮށް ދައުވާ ކުރި މީހުންގެ ޝަރީއަތް ނިންމާލައި މައްސަލަ ހުކުމާ ހަމަޔަށް ހިނގައްޖެ އެވެ.
ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިއެސްއާ ގުޅުން އޮންނަ ހަރުކަށި ފިކުރުގެ 8 މީހަކަށް މި މައްސަލައިގައި ދައުވާ ކޮށްފައި ވަނީ ފެބްރުއަރީ 8، 2021 ގައެވެ.
އެއީ، ތ. ތިމަރަފުށި، ކެނެރީގެ، އަލީ މުނީޒާއި
އެރަށު އަސުރުމާގެ، މުހައްމަދު އާސިރާއި އެރަށު ފެހިވިދުވަރުގެ، އަބްދުﷲ ޝަރީފް އާއި
އެރަށު އަސްރަފީވިލާ، އަހުސަން މުހައްމަދާއި އެރަށު ސައިމާ، ޝަމާހު ޝަރީފްގެ އިތުރުން
ރ. މަޑުއްވަރި، ބީޗްހައުސް، އަބްދުﷲ އިމާދާއި
ނ. ކުޑަފަރި، ރޯޒްމީޑު ޢިބްރާހިމް ލޫތު އަދި
ރ. ކަނދޮޅުދޫ، ޢަލީ އަރުހަމް މުހައްމަދެވެ.
އެމީހުންގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާ އާއި ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ދައުވާގެ އިތުރުން ހަނގުރާމައަށް ދާން އުޅުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުން ދައުވާ އަދި އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާ އެވެ.
ދައުލަތުން ބުނެފައި ވަނީ އެމީހުން ހައްޔަރު ކުރީ އައިއެސްގެ އިރުޝާދުގެ ދަށުން ރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތައްކުރުމަށް ރާވައި އެކަމަށް ހިތްވަރުދީ، އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއައިޑީ) އެއް ތައްޔާރުކުރުމަށްފަހު ރާއްޖޭގެ ސަރަޙައްދެއް ގޮއްވާލައި، ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިކުރުވުމަށް އެމީހުން ތައްޔާރުވަމުންދާ ކަމުގެ ތުހުމަތުގައި ކަމަށެވެ.
އަދި ދަތުރު ދިޔުމުގެ ނަމުގައި ފަޅުރަށްރަށަށް ގޮސް، ތަމްރީންތައް ހަދަމުންދިޔުމާއި ތިމަރަފުށީގައި ދީނުގެ ނަމުގައި ހަރުކަށި ފިރުކު ފެތުރުމުގެ ގޮތުން ރަށުގެ ބައެއް ގޭގޭގައި ހަރުކަށި ފިކުރުތަކުގެ ކްލާސްތައް ހިންގައި އޮންލައިންކޮށް ހަރުކަށި ފިކުރުގެ ދަރުސްތައް ބާއްވައި، ސަރުކާރުން މިސްކިތްތަކަށް ކަނޑައަޅާފައިވާ އިމާމުންގެ ފަހަތުގައި ނަމާދު ނުކޮށް ވަކި ޖަމާއަތް ހަދައިގެން ނަމާދުކުރަމުން ދިޔުމާއި، ހަރުކަށި ފިރުކުރުގެ ފަރާތްތަކާއި ގުޅުން އޮންނަ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އެމީހުންގެ މައްޗަށް ތުހުމަތު ކުރެވޭ ކަމަށެވެ.
މި މައްސަލައިގެ އަޑުއެހުންތައް އިއްޔެ ކްރިމިނަލް ކޯޓުގައި ވަނީ ނިންމާލާފަ އެވެ. އިއްޔެގެ އަޑުއެހުމުގައި ދެފަރާތުން ހުލާސާކޮށް ވާހަކަދައްކައި، ފަހު ބަސް އިއްވާފައިވެ އެވެ. ދެން އޮންނާނީ މި މައްސަލައިގެ ހުކުމް ކުރުމެވެ. ޖިނާއީ އިޖުރާއަތު ގާނޫނު ބުނާގޮތުން ހުލާސާ އިއްވާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި މައްސަލައިގެ ހުކުމް ކުރަން ޖެހެ އެވެ.