މި ހާދިސާގެ އަޕްޑޭޓެއް ދެމުން ފުލުހުން ބުނީ ގެއްލިގެން ހޯދަމުން ދިޔަ މީހާ، އޮޔާދިޔަ ޕެލެޓެއް މަތީގައި އޮއްވާ އެ ސަރަހައްދުން ދަތުރުކުރި ސަޕްލައި ދޯންޏަކަށް ވަނީ ފެނިފައިވާ ކަމަށެވެ.

މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި "އުދަރެސް" ބޯޓު، ލ. އޮޅުވެލި، ސިކްސް ސެންސަސް ލާމު ރިސޯޓް ކައިރީގައި އޮންނަ ފަރަކަށް އަރައި އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު އުމުރުން ދުވަސްވީ ދިވެހި މީހާ ފެނެއްޖެ އެވެ.
ރޭ ދަންވަރު 01:25 ހާއިރު މި ހާދިސާ ހިނގިއިރު ބޯޓުގައި ތިބި ޖުމުލަ 13 މީހުންނެވެ. އޭގެތެރެއިން ބިދޭސީ މީހަކު ވަނީ ފަތާފައި ލ. އޮޅުވެއްޔަށް އަރާފަ އެވެ. އަދި ބޯޓުން ދަތުރުކުރި އިތުރު 11 މީހަކު ރިސޯޓުގެ ދޯންޏަކަށް ނަގާފައިވާއިރު، އެކަކު ގެއްލިގެން ދިޔައީ ހޯދަމުންނެވެ.
މި ހާދިސާގެ އަޕްޑޭޓެއް ދެމުން ފުލުހުން ބުނީ ގެއްލިގެން ހޯދަމުން ދިޔަ މީހާ، އޮޔާދިޔަ ޕެލެޓެއް މަތީގައި އޮއްވާ އެ ސަރަހައްދުން ދަތުރުކުރި ސަޕްލައި ދޯންޏަކަށް ވަނީ ފެނިފައިވާ ކަމަށެވެ.
އެމީހާ ފެނިފައިވަނީ މިއަދު ހެނދުނު 10:15 އެހައިކަންހާއިރު އެވެ. ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް، އެމީހާއަށް މިހާރު ފަރުވާ ދެމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ. އެމީހާގެ ހާލަކީ ކޮބައިކަމެއް ނޭންގެ އެވެ.
އަޑިއަށް ދިޔަ ބޯޓުގައި ހުރި މުދާތައް ލ. އޮޅުވެލީގެ ހުޅަނގަށް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.