ފީސީބީން އަޅަން އެނގި ބައެއް ފިޔަވަޅުތަކުގެ ތެރޭގައި ރަސްމީގަޑީގައި މަސައްކަތްތައް ނިންމޭ ގޮތަށް ކަންކަން ރޭވުމާއި މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުން ހުއްޓާލުން އަދި މުވައްޒަފުން ނެގުން ހުއްޓާލުންފަދަ ގިނަ ފިޔަވަޅުތައް ހިމެނޭ

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް އަސަރު ކުރަމުންދާތީ ހަރަދު ކުޑަކުރަން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބައެއް ފިޔަވަޅުތައް އަޅަން ޕްރައިވެޓައިޒޭޝަން ބޯޑުން ކުންފުނިތަކަށް އަންގައިފި އެވެ.
ސަރުކާރު ކުންފުނިތައް ބަލަހައްޓާ މައި ބޮޑީ ކަމަށްވާ ޕީސީބީން ނެރުނު ސާކިއުލާއެއްގައި ވަނީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ކުރާ ހަރަދު ބޮޑުތަނުން ކުޑަކުރަން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުން ހިމެނޭހެން ބައެއް ފިޔަވަޅުތައް އަޅަން ކުންފުނިތަކަށް އަންގާފަ އެވެ.
ޕީސީބީން އަޅަން އަންގާފައިވާ އެހެން ފިޔަވަޅުތަކުގެ ތެރޭގައި ކުންފުނީގެ ހިންގާ ގަވާއިދާއި އަސާސީ ގަވާއިދުގައި ބުނާ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ހަރަދުތައް ފިޔަވައި އެހެނިހެން ހަރަދުތައް ނުކުރާކަން ޔަގީން ކުރުމުގެ ފިޔަވަޅުތައް އެޅުން ހިމެނެ އެވެ.
ހަނގުރާމައާ ގުޅިގެން އެކުލަވާލި ކޮމެޓީން އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ ހަރަދު ކުށަކުރަން ބައެއް ފިޔަވަޅުތައް އަޅަން ފަށާފައިވާކަމަށް ބުނެފަ އެވެ. މިގޮތުން ސަރުކާރުން ބޭރަށް ކުރާ ރަސްމީ ދަތުރުތައް ވަނީ ހުއްޓާލާފަ އެވެ. މީގެ އިތުރުންވެސް ހަނގުރާމަ ދިގުދެމިގެންދާނަމަ ދިރާސާކޮށް ފިޔަވަޅުތައް އަޅާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.