ފިނޭންސްގެ މި މައުލޫމާތުތައް ދައްކާ ގޮތުން ޖުމްލަ 100 ބިލިއަން ރުފިޔާގެ ދަރަނީގައި ހިމެނޭ ޓްރެޜަރީ ބިލްގެ އަދަދަކީ ދިވެހި ރުފިޔާއިން ވިއްކާފައިވާ 41.5 ބިލިއަން ރުފިޔާގެ ޓީބިލްގެ އިތުރުން ޑޮލަރުން ވިއްކާފައިވާ 4.4 ބިލިއަން ރުފިޔާގެ ޓީބިލެވެ.

ބަޖެޓަށް އާމްދަނީ ހޯދަން ސަރުކާރުން ވިއްކާފައިވާ ސެކިއުރިޓީޒްގެ އަދަދު 100 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހުގެ 23 ގެ ނިޔަލަށް ސަރުކާރުން ވިއްކާފައިވާ ސެކިއުރިޓީޒް ނުވަތަ ދަރަނީގެ އެކި އާލާތްތަކުގެ ޖުމްލަ އަދަދު 100.8 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.
ފިނޭންސްގެ މި މައުލޫމާތުތައް ދައްކާ ގޮތުން ޖުމްލަ 100 ބިލިއަން ރުފިޔާގެ ދަރަނީގައި ހިމެނޭ ޓްރެޜަރީ ބިލްގެ އަދަދަކީ ދިވެހި ރުފިޔާއިން ވިއްކާފައިވާ 41.5 ބިލިއަން ރުފިޔާގެ ޓީބިލްގެ އިތުރުން ޑޮލަރުން ވިއްކާފައިވާ 4.4 ބިލިއަން ރުފިޔާގެ ޓީބިލެވެ. މީގެ އިތުރުން ޓްރެޜަރީ ބޮންޑުގެ ގޮތުގައި ވިއްކި 27.9 ބިލިއަން ރުފިޔާ އާއި ޑޮލަރުން ވިއްކާފައިވާ 12.1 ބިލިއަން ރުފިޔާގެ ބޮންޑެވެ. މީގެ އިތުރުން އިސްލާމިކް އިންސްޓްރޫމަންޓްސްގެ ގޮތުގައި ވިއްކާފައިވާ ވިއްކާފައިވާ މާލީ އާލާތްތަކުގެ އަދަދު އުޅެނީ 5.4 ބިލިއަން ރުފިޔާގަ އެވެ.
ބޭރުގެ ބާޒާރަށް ވިއްކާފައިވާ އާލާތްތަކުގެ ޖުމްލަ އަދަދަކީ 9.2 ބިލިއަން ރުފިޔާއެވެ. މީގެ ތެރޭގައި ހިމެނެނީ 1.5 ބިލިއަން ރުފިޔާ ބޮންޑާއި އާއި ސުކޫކްގެ ގޮތުގައި ވިއްކި 7.7 ބިލިއަން ރުފިޔާގެ ސުކޫކް އެވެ.
ސަރުކާރުގެ ސެކިއުރިޓީޒް އެންމެ ގިނައިން ގަނެފައިވަނީ ވިޔަފާރި ބޭންކުތަކާއި މާލީ އިދާރާތަކުންނެވެ. މީގެ އިތުރުން މަރުކަޒީ ބޭންކް (އެމްއެމްއޭ) އާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުންވެސް ވަނީ ބޮޑެތި އަދަދުތަކުން ސެކިއުރިޓީޒް ގަނެފައެވެ. ހާއްސަކޮށް 15 އަހަރާއި 20 އަހަރާ ދެމެދުގެ ދިގު މުއްދަތުގެ ބޮންޑުތަކުގެ ބޮޑު ބައެއް ހިއްސާކުރަނީ މަރުކަޒީ ބޭންކާއި މާލީ އިދާރާތަކުންނެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ 2025 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގެ ދަރަނީގެ ތަފާސްހިސާބުތައް (ޑެޓް ބުލެޓިން) ދައްކާގޮތުން ޖުމްލަ ދަރަނި 154 ބިލިއަން ރުފިޔާއަށް އަރައި ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީ) ނިސްބަތުން ބަލާނަމަ 133.1% އަށް ވަނީ އުފުލިފަ އެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން 2024 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ޖުމްލަ ދަރަނި ހުރީ 144.9 ބިލިއަން ރުފިޔާގަ އެވެ. އެހެންކަމުން، މިދިޔަ އަހަރުގެ ތެރޭގައި ދަރަނީގެ ޖުމްލަ އަދަދަށް ގާތްގަނޑަކަށް 10 ބިލިއަން ރުފިޔާ ވަނީ އިތުރުވެފަ އެވެ.