ދެ ބޭފުޅުން ޖަލްސާ ބޮއިކޮޓް ކުރެއްވީ ޖަލްސާގައި ވާހަކަ ދައްކަވާ ގޮތަށް ކުރިން އޮއްވާ އެޖެންޑާ ބަދަލު ކުރުމަށް ފަހު ފުރުސަތު ގެއްލުވާލުމުން ކަމަށް ވިދާޅުވި

އެމްޑީޕީން މިރޭ އެ ޕާޓީން ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އަށް ވާހަކަ ދައްކަވަން ފުރުސަތު ނުދޭން ނިންމި މައްސަލަ ހޫނުވެއްޖެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި އެ ޕާޓީން ހޯދި ކާމިޔާބީ ފާހަގަ ކުރުމަށް އާޓިފިޝަލް ބީޗުގައި މިރޭ 9:00 ގައި ޖަލްސާ ފެށިއިރު އެ ޖަލްސާ އަށް ނަޝީދާއި ފައްޔާޒް ވަޑައިނުގަންނަވަ އެވެ.
އެ ދެ ބޭފުޅުން ޖަލްސާ ބޮއިކޮޓް ކުރައްވަން ނިންމެވީ މިރޭގެ ޖަލްސާގައި އެ ދެ ބޭފުޅުން ވާހަކަ ދައްކަވާ ގޮތަށް ކުރިން އޮތް ނަމަވެސް ފަހުން އެޖެންޑާ ބަދަލު ކުރި މައްސަލައިގަ އެވެ.
އެކަމާ ގުޅޭ ގޮތުން ނަޝީދާއި ފައްޔާޒް ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި ކަންބޮޑޫވުން ފާޅު ކުރައްވައިފަ އެވެ.
"ސްޕީޗް ތައްޔާރުކޮށްލާ ބޯ ކޮށާލާ ތައްޔާރުވި ތަނާ ބޭރުމަތިން ހަބަރު ލިބިއްޖެ އަޅުގަނޑާއި ރައީސް ނަޝީދަށް ފުރުސަތު ނުދޭން ނިންމިކަން. ޗެއާގެ އަރިހު އިއްޔެ ވެސް ދެންނެވިން އަޅުގަނޑަށް ފުރުސަތު ދިނުމުން މައްސަލަ ޖެހޭނެ ނޫން ހޭ. ވިދާޅުވި ތިމަންނާގެ ނިންމުމޭ. އައި ވިލް ޑިސައިޑް" ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒް ވަނީ އޭނާ އަށް ފުރުސަތު ނުދިން ނަމަވެސް ނަޝީދަށް ފުރުސަތު ލިބެން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ،
ނަޝީދު ގްރޫޕަށް ފޮނުވި މެސެޖެއްގައި ވެސް ވަނީ އެޖެންޑާގެ މައްސަލާގައި މިރޭގެ ޖަލްސާގައި ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި "އެކްސް" ގައި ނަޝީދުގެ ނުރަސްމީ އެކައުންޓުން ވަނީ އެކަމާ ހިތްދަތިވި ކަމަަށް ވިދާޅުވެފަ އެވެ.
"މި އުފާވެރި ރޭ، ވަރަށް ހިތްދަތި ވެއްޖެ." ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީ ދެބައިވުމަށް ފަހު އަލުން ނަޝީދު އެ ޕާޓީ އާ ގުޅިވަޑައިގެންނެވި ފަހުން ނަޝީދާއި ފައްޔާޒް ހުންނެވީ އެއް ފެކްޝަނެއްގަ އެވެ. އަނެއްކޮޅުގައި ތިއްބެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މިހާރުގެ ޗެއާޕާސަން އަބްދުލް ގަފޫރު މޫސާ އެވެ.