ލޯކަލް ކައުންސިލް އިންތިހާބުގެ އުފާ ފާޅުކުރަން ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަން ފުރުސަތު ނުދީފައިވަނިކޮށް، ފައްޔާޒު އެކްސްއަށް ދޫކޮށްލި މެސެއްގައި ވަނީ ދިގު މެސެޖެއް ކުރައްވާފަ އެވެ.

މި ފަހަރު ރައްޔިތުން ދިން އުންމީދުގެ ހުޅުކޮޅު ނިވުނަނުދީ ރޯކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ލޯކަލް ކައުންސިލް އިންތިހާބުގެ އުފާ ފާޅުކުރަން ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަން ފުރުސަތު ނުދީފައިވަނިކޮށް، ފައްޔާޒު އެކްސްއަށް ދޫކޮށްލި މެސެއްގައި ވިދާޅުވި ގޮތުގައި ސަރުކާރާ މެދު ވަރަށް ބޮޑަށް ރައްޔިތުން ތިބީ ނުރުހިފަ އެވެ. މިއީ ރައްޔިތުންގެ އިތުބާރު ހޯދަން ލިބޭ ފުރުސަތެއް ކަމަށާ ރައްޔިތުންގެ އުންމީދުތައް ގުޅިފައި އޮތީ އެމްޑީޕީއާއެކުގެ އެވެ. އަދި މިފަހަރު ރައްޔިތުންދިން އުންމީދުގެ ހުޅުކޮޅު ނިވުނަނުދީ ރޯކުރުމަކީ އަޅުގަނޑުމެންގެ މައްޗަށް އޮތް ޒިންމާއެއްކަން ފައްޔާޒު ހަނދާންކޮށް ދެއްވި އެވެ.
އެމްޑީޕީ ސަރުކާރުގެ އެންމެ ނުފޫޒުގަދަ އެއް މިނިސްޓަރު ކަމަށްވާ އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ފައްޔާޒު ވިދާޅުވެފައިވާ ގޮތުގައި ކައުންސިލް އިންތިހާބުގައި ޕާޓީއަށް ލިބުނު ކާމިޔާބީއަކީ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ނަތީޖާ އެވެ.
" މި މަސައްކަތުގައި ޕާޓީގެ މެންބަރުން ދެއްކެވީ އާދަޔާ ހިލާފު ގަދަ ހިތްވަރެއް. އެމްޑީޕީގެ މެންބަރުންގެ އިތުރުން އެތަކެއް އާންމު ރައްޔިތުންނެއް ވެސް ސާބިތުކޮށްދެއްވީ ގާނޫނުއަސާސީގެ ހިމާޔަތުގައި، ޑިމޮކްރަސީގެ ދިފާއުގައި ދިވެހިން ތިބޭނެކަން. ފެންނަ ނުފެންނަ ވޯޓުގައި 70 ޕަސެންޓުން މި ސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނެފި. ގާނޫނުއަސާސީއަށް އިތުރު ބަދަލުތަކެއް ގެނައުމުގެ މެންޑޭޓެއް މި ސަރުކާރުގައި މިހާރު ނެތް. މިހާރު ގެނެސްފައި ހުރި ބަދަލުތައް ވެސް އަނބުރާ ގެންދަން ޖެހޭ،" ފައްޔާޒު ވިދާޅުވި އެވެ.
މިއާއެކު ފައްޔާޒު ވިދާޅުވެފައިވާ ގޮތުގައި އެކަމަކު ގާނޫނުއަސާސީ އާއި ދައުލަތް ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލު ތަކެއް ގެންނަން ޖެހޭކަން އަޅުގަނޑުމެން ގަބޫލުކުރާ ކަމަށެވެ.
"އިސްލާހީ މަސައްކަތަކީ އަބަދުވެސް ކުރަން ޖެހޭ މަސައްކަތެއް، އެ މަސައްކަތުގައި މަޑުޖެހުމެއް ނެތް. ޒަމާނުއްސުރެ ދައުލަތް ހިންގުމުގެ ނިޒާމަށް ދިވެހިން ގެންނަން ބޭނުންވެފައި ތިބި ބަދަލުތަކުގެ ކަރުދާހަކާއެކު އަޅުގަނޑުމެން ރައްޔިތުންނާ ހަމައަށް ދާނަން. މަޝްވަރާ އާއި ހިޔާލު ހޯދައިގެން އެ ބަދަލުތައް ގެނެވޭނެ އިންތިޒާމެއް އަޅުގަނޑުމެން ހޯދާނަން،" ފައްޔާޒު ވިދާޅުވި އެވެ.