
ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ޕީއެންސީ މެމްބަރު އަސްމާ ރަޝީދުގެ އޯޑިއޯ ލިކުވެފައިވަނިކޮށް، ޔޫއޭއީގައި ހުންނަވާ ރާއްޖޭގެ ސަފީރުގެ މަގާމުގައި ހުންނެވި އޭނާގެ ދަރިކަލުން މުހައްމަދު ހުސެއިން ޝަރީފް (މުންދު) އާއި ޖެނީވާގައި ހުންނަވާ ރާއްޖޭގެ ސަފީރުގެ މަގާމުގައި ހުންނެވި ހުންނެވި އޭނާގެ ކޮއްކޮ ޑރ. ސަލްމާ ރަޝީދު މަގާމުން ވަކިކޮށްފި އެވެ.
މިރާއަށް އެނގިފައިވާ ގޮތުގައި އެ ދެ ބޭފުޅުންނަށް ވެސް މަގާމުން ވަކި ކުރިކަން އަންގައިފަ އެވެ.
ސަރުކާރުން އަދި ރަސްމީކޮށް އެ މައުލޫމާތު ހާމަކޮށްފައިނުވިޔަސް، ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ސަފީރުންގެ ލިސްޓުން ވެސް އެ ދެ ބޭފުޅުންގެ ނަން ވަނީ އުނިކޮށްފަ އެވެ.
ސޯޝަލް މީޑިޔާގައި އާންމުވެފައިވާ އެ އޯޑިއޯގައި އަސްމާ ވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް ވޯޓު ނުދިނުމަށް އެދިވަޑައިގެންފަ އެވެ.
އަދި ސިޔާސީ ގޮތުން އޭނާއާ މެދު އެޅޭނެ ފިޔަވަޅެއް ނޯންނާނެކަމަށް ވެސް އެ އޯޑިއޯގައި އަސްމާ ވިދާޅުވެ އެވެ.