ރައީސްގެ ތައުޒިޔާގެ މެސެޖުގައި ވިދާޅުވެފައިވަނީ ކާބޯތަކެތީގެ ޚިދުމަތް ދެއްވުމުގައި 55 އަހަރަށްވުރެ ދިގު މުއްދަތެއްގައި މަސައްކަތްކުރައްވާފަ އެވެ.

މާފަނުގައި ކުރިން މަޝްހޫރުވި ޕީޓްރަލް ކެފޭގެ ވެރިޔާ ޕީޓްރަލް އަޙްމަދުބެ ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޕީޓްރަލް އަޙްމަދުބެ އާއިލާތައް ތައުޒިޔާ ފޮނުވާފަ އެވެ.
ރައީސްގެ ތައުޒިޔާގެ މެސެޖުގައި ވިދާޅުވެފައިވަނީ ކާބޯތަކެތީގެ ޚިދުމަތް ދެއްވުމުގައި 55 އަހަރަށްވުރެ ދިގު މުއްދަތެއްގައި މަސައްކަތްކުރައްވާފައިވާ، އަޙްމަދު އާދަމް (ޕީޓްރަލް އަޙްމަދުބެ) އަވަހާރަވުމުގެ ހިތާމައިގާ އެ ޢާއިލާއަށް އަދި މައްޗަންގޮޅީގެ ލޮބުވެތި ރައްޔިތުންނަށް ނުހަނު އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާ ކަމަށެެވެ.
"އެއީ، ހިތްޕުޅު ހެޔޮ، ޚުލްޤު ރަނގަޅު ބޭފުޅެއް. ހީވާގިކަމާއި އިޖުތިމާޢީ ޚިދުމަތުގައިވެސް ތަޖުރިބާކާރު ނަމޫނާ ޝަޚްޞިއްޔަތެއް. މައްޗަންގޮޅީ އަވަށް ކުރިއެރުވުމަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި،" ރައީސް ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒު އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ކުޅިވަރުގެ ދާއިރާއިން ކްލަބް ލެގޫންސާއި ވިކްޓްރީ ސްޕޯޓްސް ކްލަބަށް ބޮޑެތި އެހީތަކެއް ވެދެއްވީ ޕީޓްރަލް އަހުމަދުއަކީ ލޮނުމަސް އެޅުންފަދަ ދިވެހި އުފެއްދުންތަކުގެ މަސައްކަތް ހަތްދިހައިގެ އަހަރުތަކުން ފެށިގެން ކުރެއްވި. މާލެއަށް މަޝްހޫރުވި ގުރާބުތުނޑި ހޮޓަލަށް ފަހު، ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ ހޮޓެލް ޕީޓްރަލް އުފެއްދެވި މޭސްތިރި ކަމަށެވެ.
" އަދި ކޭޓަރިންގ ދާއިރާގައި، ޚާއްޞަކޮށް ސަރުކާރުގެ ބޮޑެތި ބައެއް އިދާރާތަކަށް ދިގު މުއްދަތެއްގައި ކެއިންބުއިމުގެ ޚިދުމަތް ދެއްވި،" ރައީސް ވިދާޅުވެފައިވެ އެވެ.
ރައީސް ވަނީ ޕީޓްރަލް އަޙްމަދުބެ ނިޔާވުމާ ގުޅިގެން މާތް ﷲ ގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް އަޙްމަދު އާދަމް ލެހެއްޓެވުމަށް އެދި ދުއާ ކުރައްވާފަ އެވެ.