ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުކަމުގެ ގޮނޑިތައް އިއްޔެ ބޭއްވި އިންތިހާބުގައި އެމްޑީޕީން ދިފާއުކޮށްފައިވާއިރު، އެ ސިޓީތަކުގެ މަދު ގޮނޑިއެއް ފިޔަވައި، ކައުންސިލްތަކުގެ ސާފު އަގުލަބިއްޔަތު ވެސް އެމްޑީޕީން ވަނީ ހޯދައިފަ އެވެ.

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި، ސިޓީތަކުގެ ސާފު މެޖޯރިޓީ އާ އެކު ރަށު ކައުންސިލްތަކުގެ ގިނަ ގޮނޑިތައް ވެސް އިދިކޮޅު އެމްޑީޕީން ކާމިޔާބުކޮށްފައިވާ ކަމަށް ވަގުތީ ނަތީޖާތަކުން ދައްކައިފި އެވެ.
ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުކަމުގެ ގޮނޑިތައް އިއްޔެ ބޭއްވި އިންތިހާބުގައި އެމްޑީޕީން ދިފާއުކޮށްފައިވާއިރު، އެ ސިޓީތަކުގެ މަދު ގޮނޑިއެއް ފިޔަވައި، ކައުންސިލްތަކުގެ ސާފު އަގުލަބިއްޔަތު ވެސް އެމްޑީޕީން ވަނީ ހޯދައިފަ އެވެ.
މިގޮތުން، މާލެ ސިޓީގެ ވިލިމާލެ ދާއިރާގެ ގޮނޑި ފިޔަވައި، ދެން ހުރި ހުރިހާ ގޮނޑިއެއް އެމްޑީޕީއަށް ވަނީ ލިބިފަ އެވެ.
އެގާރަ މެމްބަރުން ތިބޭ އައްޑޫ ސިޓީ ކައުންސިލްގައި އެމްޑީޕީއަށް ގެއްލުނީ އެންމެ ގޮނޑި އެކެވެ. އެ ގޮނޑި ލިބިފައިވަނީ ޕީއެންސީއަށެވެ.
ފުވައްމުލަކު ސިޓީގެ ވެސް އެެއް ގޮނޑި ފިޔަވައި، ދެން ހުރި ގޮނޑިތައް އެމްޑީޕީން ކާމިޔާބުކޮށްފައިވާއިރު، އެމްޑީޕީއަށް ގެއްލުނު ގޮނޑި ކާމިޔާބުކޮށްފައިވަނީ މިނިވަން ކެންޑިޑޭޓެކެވެ.
ހަ މެމްބަރުން ތިބޭ ތިނަދޫ ސިޓީ ކައުންސިލްގެ ދެ ގޮނޑި ޕީއެންސީއަށް ލިބިފައިވާއިރު، ދެން ހުރި ގޮނޑިތައް ކާމިޔާބުކުރީ އެމްޑީޕީންނެވެ.
ކުޅުދުއްފުށި ސިޓީގައި ވެސް، ޕީއެންސީއަށް ލިބުނު އެއް ގޮނޑި ފިޔަވައި، ދެން ހުރި ގޮނޑިތައް އެމްޑީޕީން ވަނީ ކާމިޔާބުކޮށްފަ އެވެ.
އެއާ އެކު، ސިޓީތަކާއި ރަށު ކައުންސިލްތަކުގެ ޖުމްލަ 246 ގޮނޑި އެމްޑީޕީން ކާމިޔާބުކޮށްފައިވާ ކަމަށް ވަގުތީ ނަތީޖާތަކުން ދައްކަ އެވެ.
އޭގެތެރޭގައި، ފަސް ސިޓީގެ މޭޔަރުކަމުގެ ގޮނޑި އާއި، ރަށު ކައުންސިލްގެ ރައީސުންގެ 70 ގޮނޑި އާއި ކައުންސިލް މެމްބަރުންގެ 171 ގޮނޑި ހިމެނެ އެވެ.
ވެރިކަންކުރާ ޕީއެންސީއަށް ލިބިފައިވަނީ ޖުމްލަ 218 ގޮނޑި އެވެ. އެގޮތުން، ޕީއެންސީއަށް ކާމިޔާބުވެފައިވަނީ، ރަށު ކައުންސިލްގެ ރައީސުންގެ 68 ގޮނޑި އާއި ކައުންސިލް މެމްބަރުންގެ 150 ގޮނޑި އެވެ.
ތިން ވަނައަށް އެންމެ ގިނައިން ގޮނޑި ލިބިފައިވަނީ މިނިވަން ކެންޑިޑޭޓުންނަށެވެ. މިގޮތުން، އިއްޔެގެ އިންތިހާބުގައި 81 ގޮނޑި މިނިވަން ކެންޑިޑޭޓުން ވަނީ ކާމިޔާބުކޮށްފަ އެވެ.
މީގެއިތުރުން، އަންނަ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް އިއްޔެ ނެގުނު ވޯޓުގައި، އެކަން ކުރަން ނުފެންނަކަމަށް ގިނަ ރައްޔިތުން ވަނީ ބުނެފަ އެވެ.
ވަގުތީ ނަތީޖާތައް ދައްކާ ގޮތުގައި، އެ ވޯޓުގައި ބައިވެރިވި 192،549 މީހުންގެ ތެރެއިން 68.7 ޕަސެންޓު މީހުން ވޯޓުދިނީ މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅަށެވެ.
އިއްޔެ ޕީއެންސީއަށް ލިބުނު ނާކާމިޔާބީ އިހުތިރާމާ އެކު ބަލައިގަނެ، ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރަން ކުރަންޖެހޭ މަސައްކަތްތައް ކުރާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވަނީ ދެއްވައިފަ އެވެ.