މިގޮތުން، ވަގުތީ ނަތީޖާތައް ދައްކާ ގޮތުގައި، މިހާތަނަށް ގުނުނު ވޯޓުގެ 70 ޕަސެންޓު މީހުން ވޯޓު ދީފައިވަނީ މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ނުފެންނަ ކަމަށެވެ.

އަންނަ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި، އެކަން ކުރަން ނުފެންނަކަމަށް ގިނަ ރައްޔިތުން ބުނެފި އެވެ.
މިއަދު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބާ އެކު ހިޔާލު ހޯދުމުގެ ވޯޓު ވެސް ވަނީ ނަގައިފަ އެވެ.
ރައީސް ޑރ. މުހައްމަދު އެ ގަރާރުގައިވާ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓުގައި ކުރާނެ ސުވާލަކީ:
"ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ "ގާނޫނުއަސާސީ އަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަށް ފެނޭ ހެއްޔެވެ؟"
އެ ވޯޓުގައި ގިނަ ބަޔަކު ވޯޓުލާފައިވަނީ އެ އިސްލާހު ތަސްދީގުކުރަން ނުފެންނަ ކަމަށެވެ.
މިގޮތުން، ވަގުތީ ނަތީޖާތައް ދައްކާ ގޮތުގައި، މިހާތަނަށް ގުނުނު ވޯޓުގެ 70 ޕަސެންޓު މީހުން ވޯޓު ދީފައިވަނީ މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ނުފެންނަ ކަމަށެވެ.
ހިޔާލު ހޯދުމުގެ ވޯޓުގެ އިތުރުން، މިއަދު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް ހުރިހާ ސިޓީތަކެއްގެ މޭޔަރުކަމުގެ ގޮނޑި ވެސް ވެރިކަން ކުރާ ޕީއެންސީއަށް ވަނީ ނާކާމިޔާބުވެފަ އެވެ.
މޭހަރުކަމުގެ ގޮނޑިތަކުގެ އިތުރުން، ސިޓީ ކައުންސިލުތަކުގެ މެޖޯރިޓީ ވެސް ކާމިޔާބުކޮށްފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ.