އީސީން ދެންމެ ބުނީ، ހޫނުގަދަވެ، ކިއުދިގުވެ ގިނަބަޔަކަށް ވޯޓުލުމަށް ދަތިވެފައިވާތީ، ހަވީރު 5:00 އާ ހަމައަށް ވޯޓުލާ ވަގުތު އިތުރުކޮށްފައިވާ ކަމަށެވެ.

މިހާރު ކުރިއަށްދާ ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު އަދި ފެންނަ ނުފެންނަ ވޯޓުގެ، ވޯޓުލެވޭ ވަގުތު އިލެކްޝަންސް ކޮމިޝަން (އީސީ)އިން އިތުރުކޮށްފި އެވެ.
ކައުންސިލް އަދި ޑަބްލިއުޑީސީގެ އިތުރުން ދެން ނަގަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުންގެ ހިޔާލު ހޯދާ ފެންނަ ނުފެންނަ ވޯޓެވެ.
މިއަދު ހެނދުނު 8:00 ގައި ވޯޓުލާން ފަށާފައިވާއިރު ހަވީރު 4:00 ގައި ވޯޓު ފޮށިތައް ބަންދުކުރަން އޮތީ ހަމަޖެހިފަ އެވެ.
ނަމަވެސް، އީސީން ދެންމެ ބުނީ، ހޫނުގަދަވެ، ކިއުދިގުވެ ގިނަބަޔަކަށް ވޯޓުލުމަށް ދަތިވެފައިވާތީ، ހަވީރު 5:00 އާ ހަމައަށް ވޯޓުލާ ވަގުތު އިތުރުކޮށްފައިވާ ކަމަށެވެ.
އެހެންކަމުން، އެ ވަގުތުގެ ކުރިން ކިޔޫއަށް އެރުމަށް އީސީން ވަނީ އިލްތިމާސްކޮށްފަ އެވެ.
މި އިންތިހާބުގައި ކޮންމެ މީހަކަށް ވެސް ތިން ވޯޓު ކަރުދާސް ދޭނެ އެވެ. ވަކި ވޯޓެއްގައި ބައިވެރިވާން ބޭނުން ނުވާ މީހުންނަށް އެ ވޯޓެއްގެ ކަރުދާސްކޮޅެއް ނުދޭނެ އެވެ. އަދި އެކަން އޮބްޒާވަރުންނަށް އިވޭނެހެން އިއުލާނު ކުރާނެ އެވެ.
ތިން ވޯޓު ލުމަށް ވަކިވަކި ތިން ފޮށި، ކޮންމެ ވޯޓުލާ މަރުކަޒެއްގައިވެސް ހުންނާނެ އެވެ.
މި ޖުމްލަ 299،876 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެ އެވެ. އޭގެތެރޭގައި ހިމެނެނީ 144،506 އަންހެނުންނާއި 150،370 ފިރިހެނުންނެވެ.
ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމެޓީތަކުގެ އިންތިހާބުގައި 225 ދާއިރާއަކަށް ޖުމްލަ 1،356 މެންބަރުން އިންތިހާބު ކުރާނެ އެވެ. އަދި މި އިންތިހާބުތައް ކުރިއަށް ގެންދިއުމަށް އަތޮޅުތެރެއާއި ރިސޯޓުތަކާއި ޖަލުތަކުގެ އިތުރުން މާލޭ ސަރަހައްދުގައި ޖުމްލަ 588 ވޯޓު ފޮށި ބަހައްޓާނެ އެވެ.
ކައުންސިލް އިންތިހާބުގައި 1،592 އަދި އަންހެނުންގެ ކޮމެޓީތަކުގެ އިންތިހާބުގައި 1،368 ކެންޑިޑޭޓުން ވާދަކުރެ އެވެ.