އީސީން ބުނީ، މިއަދު ހެނދުނު 11:00އާ ހަމައަށް ޖުމްލަ 58،819 މީހުން ވޯޓު ލާފައިވާ ކަމަށެވެ. އެއީ މި ފަހަރު ޖުމްލަ ވޯޓުލެވޭ 236،057 މީހުންގެ 19.95 ޕަސެންޓެވެ.

މިހާރު ކުރިއަށްދާ ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު އަދި ފެންނަ ނުފެންނަ ވޯޓުގައި، މިއަދު ހެނދުނު 11:00 އާ ހަމައަށް ބައިލައްކައަށް ވުރެ ގިނަ މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފި އެވެ.
މިއަދު 8:00 ގައި ވޯޓުލާން ފަށާފައިވާއިރު ހަވީރު 4:00 ގައި ވޯޓު ފޮށިތައް ބަންދު ކުރާނެ އެވެ. ނަމަވެސް، ބައެއް ވޯޓު ފޮށިތަކުގައި ވޯޓުލުން ފެށިފައިވަނީ 9:30ގަ އެވެ.
އީސީން ބުނީ، މިއަދު ހެނދުނު 11:00އާ ހަމައަށް ޖުމްލަ 58،819 މީހުން ވޯޓު ލާފައިވާ ކަމަށެވެ. އެއީ މި ފަހަރު ޖުމްލަ ވޯޓުލެވޭ 236،057 މީހުންގެ 19.95 ޕަސެންޓެވެ.
އެހާތަނަށް ވޯޓުލީ މީހުންގެ ތެރޭގައި ހިމެނެނީ، 33،058 ފިރިހެނުންނާއި 25،761 އަންހެނުންނެވެ.
މި އިންތިހާބުގައި ކޮންމެ މީހަކަށް ވެސް ތިން ވޯޓު ކަރުދާސް ދޭނެ އެވެ. ވަކި ވޯޓެއްގައި ބައިވެރިވާން ބޭނުން ނުވާ މީހުންނަށް އެ ވޯޓެއްގެ ކަރުދާސްކޮޅެއް ނުދޭނެ އެވެ. އަދި އެކަން އޮބްޒާވަރުންނަށް އިވޭނެހެން އިއުލާނު ކުރާނެ އެވެ.
ތިން ވޯޓު ލުމަށް ވަކިވަކި ތިން ފޮށި، ކޮންމެ ވޯޓުލާ މަރުކަޒެއްގައިވެސް ހުންނާނެ އެވެ.
ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމެޓީތަކުގެ އިންތިހާބުގައި 225 ދާއިރާއަކަށް ޖުމްލަ 1،356 މެންބަރުން އިންތިހާބު ކުރާނެ އެވެ. އަދި މި އިންތިހާބުތައް ކުރިއަށް ގެންދިއުމަށް އަތޮޅުތެރެއާއި ރިސޯޓުތަކާއި ޖަލުތަކުގެ އިތުރުން މާލޭ ސަރަހައްދުގައި ޖުމްލަ 588 ވޯޓު ފޮށި ބަހައްޓާނެ އެވެ.
ކައުންސިލް އިންތިހާބުގައި 1،592 އަދި އަންހެނުންގެ ކޮމެޓީތަކުގެ އިންތިހާބުގައި 1،368 ކެންޑިޑޭޓުން ވާދަކުރެ އެވެ.