"މިއީ، ވޯޓުގެ ސިއްރުކަން ގެއްލުވައިލުމަށް ކުރާ ކަމެއް. މި ކަމަކީ، ސަރުކާރު މުވައްޒަފުންނަށް ބިރު ދައްކައި، އެ މީހުންގެ ވޯޓުލުމުގެ ހައްގަށް ހުރަސްއެޅުމަށް ސަރުކާރުން ބޭނުންވެގެން އީސީން ކޮށްދޭ ކަމެއްކަމަށް ތުހުމަތު ކުރަން،" އެމްޑީޕީން ބުންޏެ

މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު އަދި ފެންނަ ނުފެންނަ ވޯޓުގައި ކޮންމެ މީހަކަށް ވެސް ތިން ވޯޓު ކަރުދާސްކޮޅު ދޫނުކުރާނަމަ، ސިއްރުކަން ގެއްލޭކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ކަންބޮޑުވުންފާޅުކޮށްފި އެވެ.
އިންތިހާބުތަކުގެ ފަހުގެ ތައްޔާރީތަކާ ގުޅޭ މައުލޫމާތު ދިނުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ ވޯޓުލާން ދާ ކޮންމެ މީހެއްގެ އަތަށް ތިން ވޯޓު ކަރުދާސްކޮޅު ދޭނެ ކަމަށެވެ. އޭގެތެރެއިން ވަކި އިންތިހާބެއްގެ ކަރުދާސް ބޭނުންނުވާނަމަ، އެ ވޯޓު ނުލުމުގެ އިހުތިޔާރު އެ މީހަކަށް އޮންނާނެ ކަމަށެވެ.
ނަމަވެސް ވޯޓުލާން ދާ މީހާ، ވަކި އިންތިހާބެއްގެ ކަރުދާސް ބޭނުން ނުވާނަމަ އެކަން ވަގުތުން އިއުލާނު ކުރާނެ ކަމަށް ޒާހިދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އިއުލާން ކުރާނީ މިވެނި މީހަކު އެ ކަރުދާސްކޮޅު ބޭނުންނޫން ކަމަށް. ހާމަކޮށްފައި އިއުލާން ކުރާނެ، އެއީ އޮބްޒާވަރުންނާއި ހުރިހާ އެންމެންނަށް ނޯޓު ކުރެވި، ފަހުން ޓެލީ ކުރުމުގައާ އެ ހުރިހާ ކަމަކަށް އިންތިޒާމު ހަމަޖެހިގެންދާނެ،" ޒާހިދު ވިދާޅުވި އެވެ.
އެކަމާ ގުޅިގެން އެމްޑީޕީން ބުނީ، މިއަދު ނަގާ ތިން ވޯޓުގެ ކަރުދާސް ކޮންމެ މީހަކަށް ދޫނުކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
"މިއީ، ވޯޓުގެ ސިއްރުކަން ގެއްލުވައިލުމަށް ކުރާ ކަމެއް. މި ކަމަކީ، ސަރުކާރު މުވައްޒަފުންނަށް ބިރު ދައްކައި، އެ މީހުންގެ ވޯޓުލުމުގެ ހައްގަށް ހުރަސްއެޅުމަށް ސަރުކާރުން ބޭނުންވެގެން އީސީން ކޮށްދޭ ކަމެއްކަމަށް ތުހުމަތު ކުރަން،" އެމްޑީޕީން ބުންޏެވެ.
އެއާ އެކު އެކަން އެ ގޮތަށް ނުކުރުމަށް އެމްޑީޕީން ވަނީ އީސީއަށް ގޮވާލައިފަ އެވެ.