އީސީން ދެންމެ ބުނީ، މިހާތަނަށް ޖުމްލަ 588 ފޮށީގެ ތެރެއިން ވޯޓުލުން ފެށިފައިވަނީ 560 ފޮށީގައި ކަމަށެވެ.

މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު އަދި ފެންނަ ނުފެންނަ ވޯޓުގައި، ބައެއް ފޮށިތަކުގައި ވޯޓުލުން އަދި ނުފެށޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
މިއަދު ހެނދުނު 8:00 ގައި ވޯޓުލާން ފަށާފައިވާއިރު ހަވީރު 4:00 ގައި ވޯޓު ފޮށިތައް ބަންދު ކުރާނެ އެވެ.
އީސީން ދެންމެ ބުނީ، މިހާތަނަށް ޖުމްލަ 588 ފޮށީގެ ތެރެއިން ވޯޓުލުން ފެށިފައިވަނީ 560 ފޮށީގައި ކަމަށެވެ.
ނަމަވެސް، އެ ފޮށިތަކުގައި ވޯޓުލުން ނުފެށޭ ސަބަބެއް އީސީން ނުބުނެ އެވެ.
މި އިންތިހާބުގައި ކޮންމެ މީހަކަށް ވެސް ތިން ވޯޓު ކަރުދާސް ދޭނެ އެވެ. ވަކި ވޯޓެއްގައި ބައިވެރިވާން ބޭނުން ނުވާ މީހުންނަށް އެ ވޯޓެއްގެ ކަރުދާސްކޮޅެއް ނުދޭނެ އެވެ. އަދި އެކަން އޮބްޒާވަރުންނަށް އިވޭނެހެން އިއުލާނު ކުރާނެ އެވެ.
ތިން ވޯޓު ލުމަށް ވަކިވަކި ތިން ފޮށި، ކޮންމެ ވޯޓުލާ މަރުކަޒެއްގައިވެސް ހުންނާނެ އެވެ.
މި ޖުމްލަ 299،876 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެ އެވެ. އޭގެތެރޭގައި ހިމެނެނީ 144،506 އަންހެނުންނާއި 150،370 ފިރިހެނުންނެވެ.
ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމެޓީތަކުގެ އިންތިހާބުގައި 225 ދާއިރާއަކަށް ޖުމްލަ 1،356 މެންބަރުން އިންތިހާބު ކުރާނެ އެވެ. އަދި މި އިންތިހާބުތައް ކުރިއަށް ގެންދިއުމަށް އަތޮޅުތެރެއާއި ރިސޯޓުތަކާއި ޖަލުތަކުގެ އިތުރުން މާލޭ ސަރަހައްދުގައި ޖުމްލަ 588 ވޯޓު ފޮށި ބަހައްޓާނެ އެވެ.
ކައުންސިލް އިންތިހާބުގައި 1،592 އަދި އަންހެނުންގެ ކޮމެޓީތަކުގެ އިންތިހާބުގައި 1،368 ކެންޑިޑޭޓުން ވާދަކުރެ އެވެ.