އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ ވޯޓުލާން ދާ ކޮންމެ މީހެއްގެ އަތަށް ތިން ވޯޓު ކަރުދާސްކޮޅު ދޭނެ ކަމަށެވެ. އޭގެތެރެއިން ވަކި އިންތިހާބެއްގެ ކަރުދާސް ބޭނުންނުވާނަމަ، އެ ވޯޓު ނުލުމުގެ އިހުތިޔާރު އެމީހަކަށް އޮންނާނެ ކަމަށެވެ.

މާދަމާ އޮންނަ ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު އަދި ފެންނަ ނުފެންނަ ވޯޓުލުމަށް ތިން ވޯޓު ކަރުދާސްކޮޅު ދޭނެ ކަމަށާއި، ނަމަވެސް ހަމައެކަނި ދޭނީ އެމީހަކު ލާން ބޭނުންވާ ވޯޓެއްގެ ކަރުދާސް އެކަނި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ބުނެފި އެވެ.
ކައުންސިލް އަދި ޑަބްލިއުޑީސީގެ އިތުރުން ދެން ނަގަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުންގެ ހިޔާލު ހޯދާ ފެންނަ ނުފެންނަ ވޯޓެވެ.
މި އިންތިހާބުތަކުގެ ފަހުގެ ތައްޔާރީތަކާ ގުޅޭ މައުލޫމާތު ދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ ވޯޓުލާން ދާ ކޮންމެ މީހެއްގެ އަތަށް ތިން ވޯޓު ކަރުދާސްކޮޅު ދޭނެ ކަމަށެވެ. އޭގެތެރެއިން ވަކި އިންތިހާބެއްގެ ކަރުދާސް ބޭނުންނުވާނަމަ، އެ ވޯޓު ނުލުމުގެ އިހުތިޔާރު އެމީހަކަށް އޮންނާނެ ކަމަށެވެ.
ނަމަވެސް ވޯޓުލާން ދާ މީހާ، ވަކި އިންތިހާބެއްގެ ކަރުދާސް ބޭނުން ނުވާނަމަ އެކަން ވަގުތުން އިއުލާނު ކުރާނެ ކަމަށް ޒާހިދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އިއުލާން ކުރާނީ މިވެނި މީހަކު އެ ކަރުދާސްކޮޅު ބޭނުންނޫން ކަމަށް. ހާމަކޮށްފައި އިއުލާން ކުރާނެ، އެއީ އޮބްޒާވަރުންނާއި ހުރިހާ އެންމެންނަށް ނޯޓު ކުރެވި، ފަހުން ޓެލީ ކުރުމުގައާ އެ ހުރިހާ ކަމަކަށް އިންތިޒާމު ހަމަޖެހިގެންދާނެ،" ޒާހިދު ވިދާޅުވި އެވެ.
ޒާހިދު ވިދާޅުވީ 2021 ވަނަ އަހަރު ބޭއްވި ކައުންސިލް އަދި ޑްބަލިއުޑީސީ އިންތިހާބުގައި ވެސް ވަކި ވޯޓެއްގައި ބައިވެރިވާން ބޭނުން ނުވާ މީހުންނަށް އެ އިހުތިޔާރު ދީ، އެގޮތަށް އަމަލުކޮށްފައިވާކަން ފާހަގަކުރައްވާފަ އެވެ.
ތިން ވޯޓު ކަރުދާސް ލާން ޖެހޭނީ ވަކި ތިން ފޮއްޓަކަށެވެ. ނުބައި ފޮއްޓަކަށް ލެވުނަސް އެ ވޯޓު ކަރުދާސް ނަތީޖާގައި ހިމަނާނެކަމަށް ޒާހިދު ވިދާޅުވި އެވެ.
މާދަމާގެ އިންތިހާބު ކުރިއަށް ދާނީ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. މި އިންތިހާބުގައި 294،876 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ. އެއީ 144،506 އަންހެނުންނާއި 150،370 ފިރިހެނުންނެވެ.