މި މުއްދަތުގައި 1655 އަށް ގުޅައިގެން ހިދުމަތް ހޯދޭނެ ކަަމަށް އެމްޓީސީސީ އިން ބުނެފައިވެ އެވެ.

މާލެ ސަރަހައްދަށް ހާއްސަކޮށްގެން ސަރުކާރުން ފެށި ޓެކްސީ ލައިން "މާލެ ޓެކްސީ" ގެ ހިދުމަތް މިމަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް ހިލޭ ދަތުރު ކުރެވޭ ގޮތް ހަމަޖައްސައިފި އެވެ.
މާލެ ޓެކްސީގެ ހިދުމަތްދޭ އެމްޓީސީސީ އިން ބުނީ ހިދުމަތުގެ އަގު ނެގުމުގެ ކުރިން ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ހިލޭ ދަތުރު ކުރެވޭ މުއްދަތުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ އެ ކުންފުނީގެ އަޒުމެކެވެ. އެހެންކަމުން މި މުއްދަތުގައި 1655 އަށް ގުޅައިގެން ހިދުމަތް ހޯދޭނެ ކަަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
"މި މުއްދަތުގައި ކަސްޓަމަރުންގެ ހިޔާލާއެކު ހިދުމަތް ފުރިހަމަ ކުރުމަށް މި ކުންފުނިން މަސައްކަތް ކުރަމުންދާނެކަމުގެ ޔަގީންކަން ދެމެވެ،" އެމްޓީސީސީން ބުނެފައިވެ އެވެ.
އެމްޓީސީސީން އޮޕަރޭޓްކުރާ "މާލެ ޓެކްސީ"ގެ ހިދުމަތް ފައްޓަވައި ދެއްވީ، ހުޅުމާލޭ ސެންޓްރަލް ޕާކުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. އެ ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އަހުމަދު ސައުދީ ވިދާޅުވީ، 150 ކާރާ އެކު ފެށި ހިދުމަތުން ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށެވެ. ޓެކްސީގެ ހިދުމަތް ފަށާފައިވަނީ ތިމާވެއްޓާ ރަހުމަތްތެރި އިލެކްޓްރިކް ވެހިކަލްސް ބޭނުންކޮށްގެންނެވެ.
ޓެކްސީ ލައިނުގައި ތަފާތު ތިން ސައިޒެއްގެ ކާރު ހިމެނޭނެ އެވެ. އޭގެތެރޭގައި މާލޭގެ ހަނި މަގުތަކަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ކުދި ސައިޒުގެ ކާރުތައް ވެސް ހިމެނެ އެވެ. ސަރުކާރުން ކަނޑައަޅާފައިވާ ހާއްސަ އަގުތަކުގައި އޮޕަރޭޓުކުރާ މި ޓެކްސީ ލައިނުގެ ޓެކްސީ ބުކް ކުރުމަށް ފުރަތަމަ ހަމަޖެހިފައިވަނީ މިކަމަށް ހާއްސަކޮށް އުފައްދާފައިވާ ވެބް އެޕްލިކޭޝަނެއް މެދުވެރިކޮށް ކަމަށް އެމްޓީސީސީން ބުންޏެވެ.