މި މަޝްރޫއު ހިންގަނީ މަޝްހޫރު ވިޔަފާރިވެރިޔާ ޖަނާހު އާއި ޗެޑީ ހޮސްޕިޓަލިޓީ ގުޅިގެންނެވެ، މި ބޮޑު މަޝްރޫއު ފަށަނީ މާލެ އަތޮޅުގަ އެވެ.

ދުނިޔޭގެ ފެންވަރުގައި މަތީ ފަންތީގެ ލަގްޒަރީ ހޮޓާތަކާއި ރިސޯޓްތައް ހިންގާ މަޝްހޫރު ޗެޑީ ހޮސްޕިޓަލިޓީ އާއި ރާއްޖޭގެ ޖޭއައިއެޗް ގްލޯބަލް އިންވެސްޓްމަންޓް ގުޅިގެން ޓޫރިޒަމް ބިޔަ މަޝްރޫއެއް ފަށަން ތައްޔާރު ވެއްޖެ އެވެ.
ރާއްޖޭގެ މަަޝްހޫރު ވިޔަފާރިވެރިޔާ ހ. ސީސައިޑް މުހައްމަދު އަލީ ޖަނާހުގެ ޖޭއައިއެޗް ގްލޯބަލް އިންވެސްޓްމަންޓްސް އާއި ގުޅިގެން ރާއްޖޭގައި މި ރިސޯޓް ތަރައްގީ ކުރަން ތައްޔާރުވަނީ މާލެ އަތޮޅުގަ އެވެ. މި ބޮޑު އިންވެސްޓްމަންޓް ފެށުމުގެ ގޮތުން އިއްޔެ ވަނީ ދެ ކުންފުނީގެ ދެދުގައި އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
ދުނިޔޭގެ އެކި ގައުމުތަކުގެ އިންވެސްޓަރުންނާއެކު ރާއްޖެ އާއި ރާއްޖޭން ބޭރުގައި މަަސައްކަތް ކުރައްވާ ޖޭއައިއެޗް ގްލޯބަލް އިންވެސްޓްމަންޓްސްގެ ގްރޫޕް ޗެއާޕާސަން ޖަނާހު މެދުއިރުމަތީގެ ނޫސްތަކަށް ވިދާޅުވެފައިވާ ގޮތުގައި މި ދާއިރާގެ 40 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާހުރި އެ ކުންފުނިން ޗެޑީ ފަދަ ބްރޭންޑަކާއެކު މަސައްކަތް ކުރަން ފުރުސަތު ލިބުމަކީ ލިބިގެންދާ ފަހުރެކެވެ. އަދި މި މަޝްރޫއަކީ ރާއްޖޭގެ ބުޓީކް ހޮސްޕިޓަލިޓީ ދާއިރާގައި އައު ބެންޗްމާކެއް ގާއިމުކުރާނެ މަޝްރޫއަކަށް ވެގެންދާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން ޖަނާ ވިދާޅުވެފައިވާ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް އަންނަމުންދާ ކުރިއެރުންތަކަށް މަރުހަބާ ވިދާޅުވެފައިވެ އެވެ. އަދި ޔޫއޭއީ އާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމުގެ ސަބަބުން މިފަދަ ބޮޑެތި އިންވެސްޓްމަންޓްތަކަށް މަގު ފަހިވަމުންދާކަން އޭނާ ފާހަގަ ކުރެއްވި އެވެ. މީގެ އިތުރުން ޖަނާ ވިދާޅުވެފައިވާ ގޮތުގައި މެދުއިރުމަތީގެ ބައެއް ސަރަހައްދުތަކުގައި ހުރި ޖިއޯޕޮލިޓިކަލް ނުތަނަވަސްކަމާއެކު ވެސް، ރާއްޖޭގެ ޓޫރިޒަމްގެ މުސްތަގުބަލަށް އޮތް އިތުބާރު މި މަޝްރޫއުގެ އެއްބަސްވުމުން ހާމަވެގެންދާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
މި މަޝްރޫއާ ބެހޭ ގޮތުން ޗެޑީ ހޮސްޕިޓަލިޓީގެ ޕްރެޒިޑެންޓް އަދި ގްރޫޕް ސީއީއޯ ސްޓެފަން ޝުޕްބާކް ވިދާޅުވީ ރާއްޖެއަކީ ދުނިޔޭގެ އެންމެ ހާއްސަ އެއް މަންޒިލް ކަމަށާއި، ޖޭއައިއެޗް ގްލޯބަލްއާއެކު ފަށާ މި މަޝްރޫއަކީ ދިވެހި ސަގާފަތާއި ތިމާވެއްޓާ ގުޅޭގޮތަށް، ފަރުމާކުރުމުގެ ރީތިކަން ފެނިގެންދާނެ ފުރިހަމަ މަޝްރޫއަކަށް ވެގެންދާނެކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
ޗެޑީ ހޮސްޕިޓަލިޓީއަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ގިނަ ރިސޯޓް ތަކެއް ހިންގާ ކުންފުންޏެކެވެ. އެ ކުންފުނީގެ ހޮޓާ ހިންގާ ގައުމުތަކުގެ ތެރޭގައި އެންމެ މަޝްހޫރު ހޮޓާތައް ހުރީ އޭގެ ތެރޭގައި އޮމާން އާއި ސްވިޒަލޭންޑް އަދި މޮންޓެނީގްރޯގަ އެވެ.