މި މެޝިނަރީތަަކަކީ ދުނިޔޭގެ އެންމެ ބޮޑު މެޝިނަރީ އުފައްދާ ޗައިނާގެ އެޗްސީއެމްޖީ ކުންފުނީގެ އުޅަނދު ތަކެވެ. މި ތަކެތި ފޯރުކޮށް ދިނުމުގެ އިތުރުން ސްޕެއާ އާއި މަރާމާތު ކުރާ ސެންޓަރެއް އާރުޑީސީ އިން ގާއިމް ކުރާނެ އެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށްދާ އުމްރާނީ ތަރައްގީގެ މަސައްކަތްތައް ހަލުވިކުރަން 230 އަށްވުރެ ގިނަ ހެވީމެޝިނަރީ ރާއްޖެ ގެނެސް ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފި އެވެ.
ތިލަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގައި މަދު ތާރުއަޅާ މެޝިނަރީ ފަދަ އަގުބޮޑު މެޝިނަރީތައް ހިމެނޭހެން 230 މެޝިނަރީ އާރުޑީސީ ކުންފުންޏާ ހަވާލުކޮށްދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އެވެ.
މި މެޝިނަރީ ތަކަކީ ދުނިޔޭގެ ތިންވަނަަށް އެންމެ ގިނައިން މިފަދަ މެޝިނަރީތައް އުފައްދާ ޗައިނާގެ އެޗްސީއެމްޖީ ކުންފުނީގެ ތަކެއްޗެވެ. މި މެޝިނަރީތައް ގެނައުމުގެ އިތުރުން އެޗްސީއެމްޖީ އާއި އާރުޑީސީ ގުޅިގެން ރާއްޖޭގައި މެޝިނަރީ މަރާމާތު ކުރާ މަރުކަޒަކާއި ސްޕެއާ ވިއްކާ ސެންޓަރެއްވެސް ހަދާނެ އެވެ.

މި ރަސްމިއްޔާތުގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް ވިދާޅުވީ މިހާތަނަށް އެ ކުންފުނިން މަސައްކަތް ކުރަމުން ދިޔައީ ގިނަ ގޮންޖެހުންތަކާއެކުގަ އެވެ. ސަބަބަކީ އެކަށީގެންވާ މެޝިނަރީ ރާއްޖޭގައި ނެތުމެވެ. ނަމަވެސް ރާއްޖޭގެ ތާރީހުގައި މިހާތަނަށް އެއްފަހަރާ ގެނައި ހެވީ މެޝިނަރީއާއެކު މަސައްކަތް ހަލުވި ވެގެންދާނެ އެވެ.
އޭނާ އިތުރަށް ވިދާޅުވީ މި މެޝިނަރީތަކާއެކު ރާއްޖޭގައި މަސައްކަތް ކުރާ އެހެން ކުންފުނިތަކަށްވެސް މިފަދަ މެޝިނަރީ ފޯރުކޮށް ދިނުމުގެ އިހުތިޔާރު އާރުޑީސީ ކުންފުންޏަށް ލިބިގެންދާނެ އެވެ. މީގެ ސަބަބެއް ކަމަށް ނަޒީމް ވިދާޅުވީ އެޗްސީއެމްޖީ މެޝިނަރީގެ ރާއްޖޭގެ އެޖެންޓުގެ ގޮތުގައި އެ ކުންފުންޏަށް ލިބިފައިވުމެވެ.
މި މެޝިނަރީތައް ބޭނުންކުރާނީ ގުޅިފަޅު ނަރުދާގެ މަސައްކަތާއި މާލެ މަގުތައް ހަދަން ޗައިނާއިން ކުރާ މަސައްކަތްތައް އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރާ މަސައްކަތްތަކަށެވެ.