ޔޫއެސް ޑޮލަރުގެ ލިކުޑިޓީގެ ވަރުގަދަކަން އަންދައިދޭ ހެއްކަކީ 2024 އިން ފެށިގެން މިހާތަނަށް 365 މިލިއަން ޔޫއެސް ޑޮލަރުގެ ލޯނު ދޫކުރުމެވެ. އަދި ވިޔަފާރިތަކާއި ކާޑުތަކަށް 600 މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއް ވިއްކުމެވެ.

މިދިޔަ އަހަރު ބީއެމްއެލްއިން 600 މިލިއަން ޑޮލަރު ވިއްކުމުން އެންގިގެން ދަނީ އެ ކުންފުނީގެ ޔޫއެސް ޑޮލަރުގެ ނެޓް އޯޕަން ޕޮޒިޝަން (އެންއޯޕީ) އާއި، ޑޮލަރުގެ ލިކުއިޑިޓީ ވަރަށް ހަރުދަނާމިގަނޑެއްގައި ހުރިކަމެވެ.
ނެޓް އޯޕަން ޕޮޒިޝަނަކީ ކޮބާ ؟ - ނެޓް އޯޕަން ޕޮޒިޝަނަކީ ވަކި ވަގުތެއްގައި ބޭންކެއްގެ ބޭރު ފައިސާގެ އެސެޓްތަކާއި ލައިބިލިޓީތަކުގެ ދެމެދުގައި ހުންނަ ތަފާތެވެ. މި ޕޮޒިޝަނުން ދައްކުވައިދެނީ ބޭންކުގައި ބޭރުފައިސާ ވިއްކުމުގެ ގާބިލުކަން ލިބިފައިވާ މިންވަރެވެ. އަދި މިއީ ފައިސާގެ އެކްސްޗޭންޖް ރޭޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ބޭންކަން ފައިދާ ނުވަތަ ގެއްލުން ވެދާނެ މިންވަރު ދައްކައިދޭނެ މިންގަނޑެކެވެ. މިއީ ބޭންކުން ޔޫއެސްޑޮލާ ދޫކުރުމަށް ހުރި ގާބިލުކަން އަންގައިދޭ މިންގަނޑެއް ނޫނެވެ. މިއާ ޚިލާފަށް، ލިކުއިޑިޓީއަކީ ކަސްޓަމަރުން ފައިސާ ނެގުމާއި އަދި ބޭރަށް ފައިސާ ފޮނުވުމާއި، އަދި ބޭންކުން ލޯނުދޫކުރުން ފަދަ ކަންތައްތައް ކުރުމުއްދަތެއްގައި ކުރުމަށް ބޭންކަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމަށް ލިބިފައިވާ ގާބިލުކަމެވެ. މި ދެ މިންގަނޑަކީވެސް ބޭންކުގެ މާލީ ދުޅަހެޔޮކަމާއި، ރިސްކް ޕްރޮފައިލް ވަޒަންކުރުމުގައި ބޭނުންކުރާ މުހިންމު މިންގަނޑުތަކެއް ކަމުގައި ވީނަމަވެސް، މިއިން ކޮންމެ މިންގަނޑަކުންވެސް ހާސިލުކޮށްދެނީ ތަފާތު މަގުސަދުތަކެކެވެ.
މި ހާލަތު މީގެ ކުރިން ވަރަށް ބޮޑަށް ދަށްވި އެވެ. އެގޮތުން 2020 ވަނަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން ބީއެމްއެލްގެ ނެޓް އޯޕަން ޕޮޒިޝަން ހުރީ ދަށްމިންވަރަކަށެވެ. އަދި 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ބޭންކުގެ ޔޫއެސް ޑޮލަރުގެ ނެޓް އޯޕަން ޕޮޒިޝަން %20- އަށް (ޝޯޓް ޕޮޒިޝަނަކަށް) ވެއްޓުނެވެ. މިއިން އަންގައިދެނީ 2024 ސެޕްޓެންބަރުގެ ނިޔަލަށް ބޭންކުން ގާތްގަނޑަކަށް 200 މިލިއަން ޔޫއެސް ޑޮލަރު އިތުރަށް ވިއްކިފައިވާ ކަމެވެ. އެ ވަގުތު ބޭންކަށް އޮތް ނުރައްކަލަކީ ދިވެހި ރުފިޔާގެ އަގު ދަށްވެއްޖެ ނަމަ، މި ދެންނެވި އަދަދުގެ ނިސްބަތުން ބޭންކަށް ފޮރިން އެކްސްޗޭންޖް ގެއްލުންތަކެއް ލިބުމެވެ. މިއީ ބޭންކުގެ ލިކުއިޑިޓީއާ ނުވަތަ ކަސްޓަމަރުން ބޭނުންވާ ވަރަށް ފައިސާ ނެގުމާއި ބޭންކުން ފޮނުވަން ޖެހޭ ފައިސާ ފޮނުވުމުގެ ޒިންމާތައް އަދާކުރުމުގެ ގާބިލުކަން ނެތުމެއް ނޫނެވެ.
މައްސަލަ ހައްލު ކުރި ގޮތް - އެންއޯޕީ ޝޯޓް ޕޮޒިޝަންގެ މައްސަލަ ހައްލުކުރުމަށް ބޭންކުން އިސްނަގައިގެން އެކި އިދާރާތަކާ ގުޅިގެން ފިޔަވަޅުތަކެއް ވާނީ އަޅާފަ އެވެ. މިގޮތުން، ބޭންކުން ކުރެވުނު ވިޔަފާރީގެ މުޢާމަލާތްތަކާއި އަދި މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕްލޭނިންގެ ފުރިހަމަ އެހީތެރިކަމާއެކު، 2025 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު އެންއޯޕީ ވަނީ ލޯންގ ޕޮޒިޝަން (އިތުރަށް ޑޮލަރު ގަނެފައިވާ ޕޮޒިޝަން) އަކަށް ގެނެވިފައެވެ. އޭގެފަހުން ވެސް މި އަހަރު ތެރޭގަވެސް ބޭންކުން އެންއޯޕީވަނީ ރެގިއުލޭޓަރީ ގޮތުން ލާޒިމްކުރާ މިންގަޑަށްވުރެ މާރަގަޅު މިންވަރެއްގައި ހިފެހެއްޓިފައެވެ. އަދި މިވަގުތުވެސް ވަނީ އެންމެ ރަގަޅު މިންވަރުގައި ހިފެހެއްޓިފައެވެ. އަދި ހަމައެހެންމެ، އެންއޯޕީ ޝޯޓް ޕޮޒިޝަން ރަނގަޅު ކުރުމުގެ އިތުރުން، އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކާއި އަދި ކޯޕަރޭޓް ކުންފުނިތަކުގެ ބޭނުންތަކަށް، ޓީޓީ ހެދުމާއި ކާޑުތަކުގެ ބޭނުންތައް ހިމެނޭހެން، ޖުމްލަ 600 މިލިއަން ޑޮލަރަށްވުރެ ގިނަ ޔޫއެސް ޑޮލަރު މިދިޔައަހަރު ވިއްކައިގެން ބޭންކުގެ ވިޔަފާރި މުއާމަލާތްތައް ހިންގާފައިވާކަން ބޭންކުން ފާހަގަކުރެއެވެ.

ޔޫއެސް ޑޮލަރުގެ ލިކުޑިޓީއަކީ ކޮބާ ؟ - ޔޫއެސް ޑޮލަރުގެ ލިކުއިޑިޓީއަކީ ތަފާތު ފަންޑިންގ ވަސީލަތްތަކާއި، ހަރުދަނާ ޓްރެޜަރީ އޮޕަރޭޝަންތަކާއިއެކު، ކަމާގުޅޭ ފަރާތްތަކާ ގުޅިގެން ވަރަށް ފަރުވާތެރިކަމާއެކު ބަލަހައްޓަމުންދާކަމެއްކަން ބޭންކުން ފާހަގަކުރެއެވެ. މި ފިޔަވަޅުތަކުގެ ސަބަބުން، އެއްވެސް މެދުކެނޑުމެއް ނެތި ކަސްޓަމަރުންނާއި މާކެޓުގެ ބޭނުންތައް ފުއްދައިދިނުމުގެ ގާބިލުކަން ބޭންކަށް ލިބިގެންވެއެވެ. ޚާއްސަކޮށް، އެންމެ ބޮޑު ސިނާއަތް ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާ އަށް 2024 އިން ފެށިގެން މިހާތަނަށް އަލަށް 365 މިލިއަން ޔޫއެސް ޑޮލަރުގެ ލޯނު ދޫކޮށްފައިވެ އެވެ. އަދި 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ނިޔަލަށް ފަތުރުވެރިކަމުގެ ދާއިރާގެ މި ބޭންކުގެ ނެޓް ލޯން ޕޯޓްފޯލިއޯ 585 މިލިއަން ޔޫއެސް ޑޮލަރަށް އަރާފައިވާކަން ފާހަގަކުރުން މުހިންމެވެ.
ބީއެމްއެލް އިން އެންމެފަހުން ބޭއްވި އަހަރީ އާއްމު ޖަލްސާގައި ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުޙައްމަދު ޝަރީފް ފާހަގަ ކުރައްވާފައިވާ ގޮތުގައި ބޭންކުގެ މާލީ ހާލަތު އޮތީ ވަރަށް ހަރުދަނާކޮށެވެ. ބޭންކުގެ 43 އަހަރުވީ ތާރީހުގައި ނުދެކޭ ފަދަ ރެކޯޑް ނަތީޖާތަކެއް ބޭންކުން ވަނީ މިދިޔަ އަހަރު ހޯދާފަ އެވެ. މިއީ ބޭންކުގެ ބޯޑުން ކަނޑައަޅާފައިވާ ރިސްކް އެޕެޓައިޓާއި، ރެގިއުލޭޓަރީ މިންގަނޑުތަކާއި، އަދި ބައިނަލްއަގުވާމީ ސްޓޭނޑަރޑް ތަކާއި އެއްގޮތްވާ ގޮތުގެ މަތިން ހިފެހެއްޓިފައިވާ ހަރުދަނާ ކެޕިޓަލް އަދި ލިކުއިޑިޓީ ރޭޝިއޯތަކުގެ އެހީގައި ހޯދާފައިވާ ކާމިޔާބީ އެކެވެ.