މި ހިދުމަތް ފެށުމާއެކު އައްޑޫގެ ޓޫރިޒަމަށް ދިރުން ލިބިގެންދާނެ އެވެ. އަދި އިތުރު ވަޒީފާގެ ފުރުސަތުތަކެއްވެސް އިތުރު ވެގެންދާނެ އެވެ.

އައްޑޫސިޓީގެ ގަން އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލްގައި ދުނިޔޭގެ ފެންވަރުގެ ޑިއުޓީ ފްރީ އޮޕަރޭޝަން ފަށަމް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ތައްޔާރު ވެއްޖެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓ (ވީއައިއޭ) ގައި ބައިނަލްއަގުވާމީ ފެންވަރުގައި ޑިއުޓީ ފްރީގެ ހިދުމަތް ދެމުން އަންނަ އެމްއޭސީއެލް އިން ބުނީ އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލްގައި މަތީ ފަންތީގެ ބައިނަލްއަޤުވާމީ ޑިއުޓީ ފްރީ ހިދުމަތް ފެށުމުގެ މަގުސަދަކީ ލަގްޒަރީ ރީޓެއިލްގެ ހިދުމަތް ރާއްޖޭގެ ދެކުނަށް ތަޢާރަފްކޮށް، ފަސިންޖަރުންގެ ތަޖުރިބާ އިތުރުކުރުމާއެކު، ރާއްޖޭގެ ދެކުނުގެ ވިޔާރީގެ ފުރުސަތުތައް ފަހިކޮށް ދިނުމެވެ. އަދި ޓޫރިޒަމާއެކު އިގްތިސޯދީ ދުވެލި ހަލުވިކުރުމެވެ.
މިއީ ދިވެހިރާއްޖޭގެ އިޤުތިސާދު ފުޅާކުރުމަށާއި ފަތުރުވެރިކަން ސިންދަފާތުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އެޅިގެންދާ މުހިންމު ފިޔަވަޅެކެވެ.
އެ ކުންފުނިން ބުނީ އައްޑޫސިޓގެ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ޤާއިމްކުރުމަށް ތައްޔާރުވަމުން މިދާ ޑިއުޓީ ފްރީ އޮޕަރޭޝަންގެ ސަބަބުން ރާއްޖޭގެ ދެކުނަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ބައިނަލްއަގުވާމީ އާ ރޫޓުތައް ދެކުނުގެ ވިއުގައަށް ތައާރަފްކުރުމުގެ ފުރުސަތުތައް ފަހިވެގެން ދާނެ އެވެ. އަދި މިއާއެކު ވަޒީފާގެ ބާޒާރުގައި ޒުވާނުންނަށް ގިނަ ފުރުސަތުތައް އުފެދިގެންދާނެ އެވެ. މި ޑިއުޓީ ފްރީއަށް ބޭނުންވާ މުވައްޒަފުން ތަމްރީނުކުރެވިގެން ދާނީ ދުނިޔޭގެ މަޝްހޫރު ބްރޭންޑުތައް މެދުވެރިކޮށް ރާއްޖެ އިން ބޭރުންނެވެ.
އެމްއޭސީއެލް އިން ބުނީ އައްޑޫސިޓީގެ އިޤްތިސާދު ސިންދަފާތުކުރުމުގެ ގޮތުން ގެންގުޅެމުން އަންނަ "އައްޑޫ ވެލްކަމްސް ޓު ދަ ވޯލްޑް" ތަސައްވުރުގެ ދަށުން އެޅިގެންދާ އިޤްތިސާދީ މުހިންމު ފިޔަވަޅެކެވެ. އަދި މިކަމަކީ ދިވެހިރާއްޖޭގެ ޓްރެވަލް ރީޓެއިލް ދާއިރާ ދުނިޔެ ގަބޫލުކުރާ ފެންވަރަށް އުފުލާލުމަށާއި ދެމެހެއްޓެނިވި ކުރިއެރުން ހޯދައިދީ، ދުނިޔޭގެ ދަތުރުފަތުރުގެ ވިއުގައިގެ ތެރޭގައި ރާއްޖޭގެ ދެކުނަކީ މުހިންމު މަންޒިލެއްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުން ގެންގުޅުއްވާ ތަސައްވުރު މުހިންމު ބަހާއެކެވެ.