ދިއްދޫގައި ތަރައްގީކުރާ ދަނާލަކީ ފާހާނާއާ އެކު، ޒަމާނީ ފެންވަރުގެ 32 ކޮޓަރި ހިމެނޭ ތަނެކެވެ. އަދި ދަރިވަރުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާނެ ކިޗަން، ޑައިނިން، ލޯންޑަރީ، ޖިމް އަދި ރެކްރިއޭޝަން އޭރިއާއެއްވެސް ގާއިމްކުރާނެ އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ވަށާޖެހޭ ސިޔާސަތުގެ ދަށުން، ހއ. ދިއްދޫގައި ދަރިވަރުންގެ ދަނާލެއް ގާއިމުކުރުމުގެ މަޝްރޫއުގެ އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ އާއިޝަތު ހިކްމާ އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދް ޝަރީފް އަބްދުއްރަޙްމާން ޔޫސުފެވެ.
މި ރަސްމިއްޔާތުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު ދެއްކެވި ވާހަކަފުޅުގައި، މިއީ އެކި ސަބަބުތަކާހުރެ އަމަލީ ސިފައެއް ނައިސް ގިނަ ދުވަސްތަކެއް ވަންދެން މަޑުޖެހިފައި އޮތް މަޝްރޫއެއްކަން ފާހަގަކުރެއްވި އެވެ. ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދުރުވިސްނޭ ސިޔާސަތުގެ ދަށުން، މިފަދަ މަޝްރޫއުތައް ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލުކޮށްގެން ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ނިންމެވި ނިންމެވުމާއެކު، މިއަދު މި މަޝްރޫއުގެ މަސައްކަތް އަމަލީ ގޮތުން ފެށިގެން ގޮސްފައިވާކަމަށް ވިދާޅުވި އެވެ.
މިނިސްޓްރީން ބުނީ މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ދަރިވަރުން އަމިއްލަ ރަށުގައި ނުވަތަ އަތޮޅުގައި ތިބެގެން ފެންވަރު ރަނގަޅު މަތީ ތައުލީމާއި ތަމްރީނު ހޯދޭނެ ފަހި މާހައުލެއް ބިނާކޮށްދިނުމެވެ.
ދިއްދޫގައި ތަރައްގީކުރާ ދަނާލަކީ ފާހާނާއާ އެކު، ޒަމާނީ ފެންވަރުގެ 32 ކޮޓަރި ހިމެނޭ ތަނެކެވެ. އަދި ދަރިވަރުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާނެ ކިޗަން، ޑައިނިން، ލޯންޑަރީ، ޖިމް އަދި ރެކްރިއޭޝަން އޭރިއާއެއްވެސް މި އިމާރާތުގައި ގާއިމްކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ދިއްދޫގައި ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން މިހާރު ތަރައްގީ ކުރަމުންދާ ޖޫނިއާ ކޮލެޖަކީ ހޮސްޕިޓަލިޓީ، އޮޓޮމޯޓިވް، ވެލްޑިން އަދި އިންޖިނިއަރިން ފަދަ ޓެކްނިކަލް ދާއިރާތަކުން ޒުވާނުން ވޮކޭޝަނަލްކޮށް ތަމްރީނުކުރުމަށް ހާއްސަ ކުރެވިފައިވާ މަރުކަޒެކެވެ.