ރައީސް ވިދާޅުވީ ގައުމެއް ވިސްނުމެއް ނުހުންނަ ޒިންމާދާރު ކަން ކުޑަ ސުޕަ މެޖޯރިޓީއެއް އިންތިހާބު ވެއްޖެ ނަމަ ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތްތަކެއް ނުހިނގާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެއް ޕާޓީއަކަށް ސުޕަ މެޖޯރިޓީ ލިބޭ ނިޒާމް ނެތިކޮށްލެވޭނީ އެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕީއެންސީން މާލޭގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޑިމޮކްރަސީގެ އެންމެ މުހިންމު އެއް އަސާސަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ބޭއްވުން ކަމަށާއި އެ އަސާސް މިހާރަށް ވުރެ ރަނގަޅަށް ތަންފީޒު ކުރުމަށް ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ދެމެދު އޮންނަ މުއްދަތު އުވާލަން ޖެހޭނެ ކަމަށެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވާނަމަ ރައިސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބު ވަނީ ކޮން ފަރާތެއް ކަން ނޭނގޭނެ ކަމަށާއި އެހެންވެ އެއްވެސް ބަޔަކަށް އެއީ ސަރުކާރުގެ ކެންޑިޑޭޓެކޭ ނުބުނެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އޭގެ ނަތީޖާއެއް ގޮތުން މަޖިލީހަށް އެކި ޕާޓީތަކުން މެންބަރުން ހޮވޭ އަދަދު ގިނަ ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އޭރުން އެކި ޕާޓީތަކަށް ޑިސްޓްރިބިއުޓްވާ މަޖިލީހެއް އަންނާނީ. އެ މަޖިލީހަކަށް ނޫންތޯ ސަރުކާރު ޖަވާބުދާރީ ކުރުވޭނީ." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގައުމެއް ވިސްނުމެއް ނުހުންނަ ޒިންމާދާރު ކަން ކުޑަ ސުޕަ މެޖޯރިޓީއެއް އިންތިހާބު ވެއްޖެ ނަމަ ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތްތަކެއް ނުހިނގާނެ އެވެ. އެކަން ވެސް ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިގެން ނިމުމަކަށް ގެނެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ސުޕަ މެޖޯރިޓީގެ ނިޒާމް ނެތިކޮށްލެވޭނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިގެން." ރައީސް ވިދާޅުވި އެވެ.
މަޖިލީހުގައި ސުޕަ މެޖޯރިޓީއެއް މިހާރު ވެސް އޮއްވާ އެ ގެއްލިގެންދާ ފަދަ ނިންމުމެއް ނިންމެވީ ކީއްވެގެންތޯ ސިޔާސީ ބޭފުޅުން އެމަނިކުފާނާ ސުވާލު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މި ނިންމެވުމުގެ ސަބަބުން ސަރުކާރާއި ޕީއެންސީ އަށް ވާނީ ކޮން ސިޔާސީ ފައިދާތަކެއްތޯ ވެސް މެންބަރުން ސުވާލު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އޭގެ ޖަވާބަކީ އެންމެ ޕޮޕިއުލާ ވިސްނުން ދޫކޮށް ގައުމީ ވިސްނުން އިސްކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.
"މިއަދާ ހަމައަށް ސަރުކާރުތަކުން މަސައްކަތް ކުރީ އަމިއްލަ ވިސްނުމުގައި ގައުމީ ވިސްނުމެއްގައެއް ނޫން. އެހެންވެ އެ ސުވާލު އުފެދޭނެ." ރައީސް ވިދާޅުވި އެވެ.
ވަރުގަދަ ޑިމޮކްރެޓިކް ނިޒާމަކާއި ހަގީގަތުގައި ވެސް އެއްބާރު އަނެއް ބާރުގެ މައްޗަށް ފާރަވެރިވާ ޗެކް އެންޑް ބެލެންސް ނިޒާމެއް އެކުލަވައިލުމަށް އަންނަ ހޮނިހިރު ދުވަހު އޮންނަ ރިފަރަންޑަމް ވޯޓުގައި ފެންނަ ކަމަށް ފާހަގަ ޖެހުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.