މޭޔަރަކަށް މުއިއްޒު ހުންނެވި އިރު ހިންގެވި މަސައްކަތްތައް ކުރިޔަށް ގެންދާނެ ކަމަށް ޖަލީލް ވިދާޅުވި

ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެ ސިޓީ އަށް ކުރައްވާ ގައުމީ ތަސައްވުރު ހަގީގަތަކަށް ހަދަން ރެއާ ދުވާލު މަސައްކަތް ކުރައްވާނެ ކަމަށް ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވާ މޫސާ އަލީ ޖަލީލް ވިދާޅުވެއްޖެ އެވެ.
ޕީއެންސީން މާލޭގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޖަލީލް ވިދާޅުވީ ރައީސް ޑރ. މުއިއްޒު މާލެ ސިޓީގެ މޭޔަރަކަށް ހުންނެވި އިރު މާލެ ސިޓީ އަށް އިންގިލާބީ ބަދަލުތަކެއް ގެންނާނެ ތަރައްގީގެ ޕްލޭނެއް އެކުލަވާލާފައިވާ ކަމަށެވެ.
އޭރު ކުރަމުން ދިޔަ މަސައްކަތްތަކުގެ ސަބަބުން ރައްޔިތުންނަށް އެތައް ކަމެއް އިންތިހާ އަށް ފަސޭހަވަމުން ދިޔަ ކަމަށާއި ނަމަވެސް އިދިކޮޅު ކައުންސިލެއް އިންތިހާބުވުމަށް ފަހު އެކަންކަން މަޑުޖެހުމުގެ ނަތީޖާ މިހާރު ފެންނާނެ ކަމަށް ޖަލީލް ވިދާޅުވި އެވެ.
"ސަރުކާރުން ރައްޔިތުންނަށް ދޭން ޕްލޭން ކުރި ހިދުމަތްތަކަށް މާލެ ސިޓީ ކައުންސިލުން އެއްބާރުލުން ނުދިނުމުގެ ނަތީޖާއަކީ ކޮބާ. ރައީސް [މޭޔަރު ކަމުގައި] އެކަށައެޅުއްވި ޕްލޭންތައް ކޮބާތޯ. މާލޭ ސިޓީގެ ރައްޔިތުންނާ އެންމެ ބޮޑަށް ގުޅިފައި ވަނީ ބޯހިޔާވެހިކަން. މޭޔަރަކަށް ވަޑައިގެން ސްޓްރެޓަޖިކް އެކްޝަން ޕްލޭންގައި އެއް ވަނަ އަށް އޮތް ހިދުމަތަކީ އެއީ." ޖަލީލް ވިދާޅުވި އެވެ.
މާލޭގެ ބޮޑެތި މައްސަލަތައް ހައްލު ކުރެއްވުމަށް އޭރު ކުރި މަސައްކަތްތައް ރައީސް މިހާރު ވެސް ކުރަމުން ގެންދަވާ ކަމަށާއި އެކަމަށް މިހާރު އެންމެ ބޮޑަށް ބޭނުންވާނީ އެއްބާރުލުން ދޭން ކައުންސިލަކާއި މޭޔަރެއް ކަމަށް ޖަލީލް ވިދާޅުވި އެވެ.
"ސަރުކާރަށް ދެއްވަން ޖެހޭ އެއްބާރުލުން އަންނާނެ ކުރިއެރުން ގެންނަން މި ހުރީ ސަރުކާރާ އެކުގައި.ރައީސްގެ ގައުމީ ތަސަރައްވަރު ހަގީގަތަކަށް ހަދައި ދޭން ރެއާ ދުވާލު އަޅުގަނޑު މަސައްކަތް ކުރާނަން." ޖަލީލް ވިދާޅުވި އެވެ.
ޖަލީލް ވަނީ މާލެ އަށް އޭނާ މީގެ ކުރިން ކުރައްވާފައިވާ ހިދުމަތްތަކަށް ވެސް އަލިއަޅުވާލައިފަ އެވެ.
އެގޮތުން މާލޭގެ މަގުތައް ހެދުމުގެ މަސައްކަތް ކުރި އިރު އަކިރި އާއި ގާ ބަސްތާތައް އުފުލާފައިވާ ކަމަށާއި ބޮޑު ރާޅު އެރި ވަގުތު ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލު ކޮށްދިނުމަށް ހަރަކާތްތެރިވެފައިވާ ކަމަށް ޖަލީލް ވިދާޅުވި އެވެ. އޭގެ ފަހުން ނޮވެމްބަރު 3، 1988 ގައި ދިން ހަމަލާގައި ގައުމުގެ މިނިވަންކަމުގެ ދިފާއުގައި މެއި އައްޑަނަ އަކަށް ދިއްކޮށްލައިގެން ހިދުމަތް ކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު އެއްވެސް އިރެއްގައި ހިދުމަތުގެ ހަވާސާގައި ނުހުންނަން، ގައުމާއި ރައްތިރުން އިސްކުރަން. އަޅުގަނޑަކީ ކަން ނުވެ ނަންވި މީހެއް ނޫން. ރައްޔިތުންނަށް އަމާންކަމަށް މަސައްކަތް ކުރާ ހިދުމަތްތެރިއެއް." އޭނާ ވިދާޅުވި އެވެ.
ޖަލީލް ވަނީ އޭނާ ކައުންސިލްގެ މޭޔަރު ކަމަށް އިންތިހާބުވުމަށް ފަހު މަސައްކަތް ބައްޓަން ކުރައްވާނެ ބައެއް ދާއިރާތައް ހާމަ ކުރައްވައިފަ އެވެ.
އެގޮތުން މާލޭގެ ބޯހިޔާވެހިކަން ހައްލު ކުރުމަށް ދިމާވާ މައްސަލަތަކާއި މަގުތަކުގެ ތާށިކަމާއި ޕާކު ކުރާނެ ޖާގަ ނެތް މައްސަލަ އާއި ވީރާނާ ވަމުންދާ މާލޭގެ ޕާކުތައް އަލުން ރީތި ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ޖަލީލް ވިދާޅުވި އެވެ.
އޭގެ އިތުރުން މާލޭގައި ކުރިން އޮތް ބަދަހި ގުޅުންތައް އާ ކުރުމާއި ޒުވާނުންނަށް ކުޅިވަރު ކުޅޭނެ ޖާގަތައް ހޯދައި ދިނުމާއި ބިދޭސީންގެ މައްސަލަތައް ހައްލު ކުރުމަށް ވެސް ސަރުކާރަށް އެއްބާރުލުން ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މަސައްކަތްތައް ކުރައްވާނީ ޖަލީލް ވިދާޅުވި ގޮތުގައި ރައީސް ޑރ. މުއިއްޒު މާލޭގެ މޭޔަރު ކަމުގައި ހުންނެވި އިރު މަސައްކަތްތައް ބައްޓަން ކުރެއްވި ގޮތަށް ކަމަށާއި އަދި އެމަނިކުފާނުގެ އިސްކޮށް ހުންނަވައިގެން ހިންގަވާ މި ސަރުކާރުގެ ތަސައްވުރާ އެއްގޮތަށެވެ.
އޭގެ އިތުރުން މާލެ ސިޓީ ކައުންސިލް ހިންގުން ހަރުދަނާ ކޮށް ކޮރަޕްޝަނަށް އޮތް ދޮރުތައް ބަންދު ކުރުމަށް ސަރުކާރުން އިއުލާން ކޮށްފައިވާ މޯލްޑިވްސް 2.0 އަށް ކައުންސިލް ވެސް ވަންނަން ޖެހޭ ކަމަށާއި އޭގެ ސަބަބުން ހިދުމަތް ހޯދުމުގައި ވެސް ފަސޭހަތަކެއް ވާނެ ކަމަށް ޖަލީލް ވިދާޅުވި އެވެ.
"މިކަންކަން މި ގޮތަށް ހިންގުމަށްޓަކައި އަޅުގަނޑު އެދެނީ ކައުންސިލް އިންތިހާބުގައި މާލޭގެ ރައްޔިތުން ނުކުމެ އަޅުގަނޑަށް ވޯޓުލުން." އޭޏަ ވިދާޅުވި އެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު އޮތީ އަންނަ ހޮނިހިރު ދުވަހު އެވެ.