އެއީ 1981 ވަނަ އަހަރު ދެ ގައުމުގެ އެއްބަސްވުން ހެދިފަހުން މިހާތަނަށް އެއްފަހަރާ މުދާ އެތެރެކުރަން ހުއްދަ ދިން އެންމެ ބޮޑު އަދަދު ކަމަށް ހައިކޮމިޝަނުން ބުންޏެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު ގާއިމުކޮށްފައިވާ އެއްބަސްވުމުގެ ދަށުން، އަސާސީ މުދާ ރާއްޖެއަށް ގެނައުމަށް ދީފައިވާ މުއްދަތު ރާއްޖޭން އެދިގެން އަނެއްކާވެސް އިތުރުކޮށްދީ، ރެކޯޑު އަދަދަކަށް މުދާ ފޯރުކޮށްދިނުމަށް އިންޑިއާ ސަރުކާރުން ނިންމައިފި އެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ މި އަހަރާއި އަންނަ އަހަރަށް ވެސް، ދެގައުމުގެ ދެމެދުގައި ކަނޑައަޅާފައިވާ ބާވަތްތައް ހާއްސަ އަގުތަކެއްގައި ލިބޭނެ ކަމަށެވެ.
އޭގެ ތެރޭފައި ހިމެނެނީ ބިހާއި ފިޔާ އާއި އަލުވި އާއި މުގާއި ހަނޑުލާއި ހަކުރާއި ފުށް އަދި ހިލަ އާއި ހިލަވެލި އެވެ.
އެއީ 1981 ވަނަ އަހަރު ދެ ގައުމުގެ އެއްބަސްވުން ހެދިފަހުން މިހާތަނަށް އެއްފަހަރާ މުދާ އެތެރެކުރަން ހުއްދަ ދިން އެންމެ ބޮޑު އަދަދު ކަމަށް ހައިކޮމިޝަނުން ބުންޏެވެ.
މިގޮތުން، ހަނޑުލުގެ ކޯޓާ ވެސް 77 ޕަސެންޓް އިތުރުކޮށްފައިވާ ކަމަށް ބުންޏެވެ.
މީގެ އިތުރުން ރާއްޖޭގެ ކޮންސްޓްރަކްޝަން ސިނާއަތަށް ބޭނުންވާ ހިލަ އާއި ހިލަވެލި ވެސް ފޯރުކޮށްދިނުން މި އެއްބަސްވުމުގައި ހިމެނެ އެވެ.
އަސާސީ ކާބޯތަކެއްޗާއި އެހެނިހެން މުދާ، އެހެން ގައުމުތަކަަށް އެކްސްޕޯޓް ކުރުން ހުއްޓާލާ ހާލަތެއްގައިވެސް، ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ ފޯރުކޮށްދޭނެ ކަމަށް ހައިކޮމިޝަނުން ބުންޏެވެ.