ލ. ފޮނަދޫގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ހިދުމަތް އެ އަތޮޅުގައި އިފްތިތާހުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމެވެ. ފެރީގެ ހިދުމަތް ރަސްމީކޮށް ފަށާފައިވަނީ މިއަދެވެ.

ގައުމީ ދަތުރުފަތުރުގެ ނިޒާމް، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް ލ. އަތޮޅުގެ ހުރިހާ ރަށެއް ގުޅާލައިފި އެވެ.
ލ. ފޮނަދޫގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ހިދުމަތް އެ އަތޮޅުގައި އިފްތިތާހުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމެވެ. ފެރީގެ ހިދުމަތް ރަސްމީކޮށް ފަށާފައިވަނީ މިއަދެވެ.
އެ ހިދުމަތަށް ކަސްޓަމަރުން އަހުލުވެރިކުރުމުގެ ގޮތުން، މިމަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ހިލޭ ފެރީގައި ދަތުރުކުރެވޭނެ އެވެ.
އެމްޓީސީސީއިން ބުނީ ހިލޭ ދަތުރުކޮށްދޭ މުއްދަތުގައި ފެރީގެ ހިދުމަތް ހޯދަން ގުޅަން ޖެހޭނީ އެރަށެއްގެ ކައުންސިލަށް ކަމަށެވެ. އަދި މިމަހުގެ އަށް ވަނަ ދުވަހުން ފެށިގެން ފެރީއަށް އަގު ނަގަން ފެށުމުން ޓިކެޓު ނަގަން ޖެހޭނީ އާރްޓީއެލް ވެބްސައިޓުން ކަމަށެވެ.
ލ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ހަފްތާއަކު ހަ ދުވަހު، ދެ ރޫޓަކުން ދަތުރުކުރާނެ އެވެ.
އެއަތޮޅުގައި މި ހިދުމަތް ފެށުމާއެކު މިހާރު ޖުމްލަ 15 އަތޮޅުގައި ފެރީގެ ހިދުމަތް މިވަނީ ފަށައިފައެވެ. ބާކީ އޮތް ފަސް އަތޮޅުގައި ވެސް ވަރަށް އަވަހަށް ހިދުމަތް ފަށާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.