އިންތިހާބު ކާމިޔާބުކުރާނީ ގުޅިގެން އެކުގައި ކަމަށް ނަޝީދު ވިދާޅުވި

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީ އާއި ޕީއެންއެފް ގުޅިގެން މަސައްކަތް ކުރަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައިފި އެވެ.
ނަޝީދު މިހެން ވިދާޅުވީ ގދ. ހޯޑެއްދޫގައި ހުންނަވައި އެ ރަށު ކައުންސިލަށް ވާދަކުރައްވާ ޕީއެންއެފްގެ ކެންޑިޑޭޓަކަށް ތާއީދުކުރައްވައި އިއްޔެ "އެކްސް" ގައި އާންމުކުރެއްވި ވީޑިއޯއެއްގަ އެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެންބަރުން ވާދަ ނުކުރައްވާ ދާއިރާތަކުގައި ޕީއެންއެފްގެ ކެންޑިޑޭޓަށް ވޯޓު ދިނުމަށް އެދިވަޑައިގަންނަވާ ކަމަށާއި ޕީއެންއެފްގެ މެންބަރުން ވެސް އެ ޕާޓީގެ މެންބަރުން ވާދަ ނުކުރައްވާ ދާއިރާތަކުގައި އެމްޑީޕީ އަށް ވޯޓު ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"މި އިންތިހާބު އިރާދަކުރެއްވިއްޔާ ކާމިޔާބުކުރާނީ އަޅުގަނޑުމެން އެންމެން ގުޅިގެން އެކުގައި" ނަޝީދު ވިދާޅުވި އެވެ.
މި ފަހުން ބޭއްވި ޕީއެންއެފްގެ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީ ނޫން އެހެން ހުރިހާ ޕާޓީއެއްގެ ކެންޑިޑޭޓުންނަށް ތާއީދު ކުރަން ނިންމާފައިވާ ކަމަށެވެ.
ސީދާ ނަޝީދާއެކު ހުންނެވި ކަން ހާމަ ކުރައްވައި "އަނެއް ދިވެހިރާއްޖެ" އަށް ދާން ޖެހިފައިވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.