މިނިސްޓަރު ޝަހީމް ވިދާޅުވެފައި ވަނީ މި މިސްކިތް ބިނާކުރާނީ ކޮމްޕްލެކްސްގައި ވަގުފު ބިނާތަކާއި ކޮމާޝަލް ބިލްޑިން އާއި ޕާކިންވެސް ހިމެނޭހެންނެވެ. ވަގުފު ޢިމާރާތުން ލިބޭ ނަފާ ހޭދަކުރެވިގެންދާނީ ރާއްޖޭގެ އިސްލާމީ ކަންތައްތަކަށެވެ.

ރާއްޖޭގައި މިހާތަނަށް ގާއިމްކުރާ އެންމެ ބޮޑު މިސްކިތް ކަމަށްވާ ހުޅުމާލެ ބޮޑު މިސްކިތުގެ މަޝްރޫއުއަށް ފައިނޭންސް ކުރުމަށް ސައުދީ އަރަބިއްޔާގެ އަލްރަޖްހީ ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އިސްލާމިކް މިނިސްޓްރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ސައުދީއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، މަދީނާގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ރައީސް ޑރ. މުޖައްމަދު މުއިއްޒު ރިޔާސީ ބަޔާނުގައި އިއުލާންކުރެއްވި މި ބޮޑު މިސްކިތް ބިނާކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރުފުރޭ މުނާސަބަތާ ގުޅުވައިގެން ކަމަށެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވެފައި ވަނީ މި މިސްކިތް ބިނާކުރާނީ ކޮމްޕްލެކްސްގައި ވަގުފު ބިނާތަކާއި ކޮމާޝަލް ބިލްޑިން އާއި ޕާކިންވެސް ހިމެނޭހެންނެވެ. ވަގުފު ޢިމާރާތުން ލިބޭ ނަފާ ހޭދަކުރެވިގެންދާނީ ރާއްޖޭގެ އިސްލާމީ ކަންތައްތަކަށެވެ.
އަދި ގުރުއާން މިއުޒިޔަމަކާއި އެހެނިހެން މުހިންމުކަންކަން ވެސް މިސްކިތުގައި ހިމެނޭނެކަމަށް މިނިސްޓްޓަރު ވިދާޅުވި އެވެ.
މި މިސްކިތުގެ ކޮންސެޕްޓްގެ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. އަދި މިހާރު ކުރިއަށް ދަނީ ތަފްސީލު ޑިޒައިން އެކުލަވައިލުމުގެ މަސައްކަތެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ މިސްކިތް ޑިޒައިން ކުރަމުންދަަނީ ރާއްޖެއިން ބޭރުގެ ކަމުގެ ތަޖުރިބާކާރުން ކަމަށާއި، މި މަޝްރޫއުގެ ޑިޒައިނިންއާއި ހުރިހައި މަރުހަލާއަކަށް ފަންޑުކުރަނީ މިސްކިތުގެ މަޝްރޫއަށް ފަންޑުކުރާ ފާރާތުން ކަމަށެވެ. އަދި މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އެބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އޭގެއިތުރުން، މިއީ ރާއްޖޭގައި ބިނާކުރެވޭނެ އެންމެ ބޮޑު އެއް މިސްކިތަށް ވެގެންދާނެ ކަމަށާއި، މި މިސްކިތް ބިނާކުރެވިގެންދާނީ ހުޅުމާލޭ ފޭސް 2 އަދި ފޭސް 3 ދެމެދުގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
މި މިސްކިތުގައި އެއްފަހަރާ ގާތްގަނޑަކަށް 10،000 އެއްހާ މީހުންނަށް ނަމާދުކުރެވޭނެ އެވެ.