އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކުހުގެ ގޮތުގައި ލިބުނު 8.6 ބިލިއަން ރުފިޔާއެވެ. މިއީ ޖުމްލަ އާމްދަނީގެ 81 އިންސައްތައެވެ. ފާއިތުވި ހަފުތާގެ ތެރޭގައި އާމްދަނީ އެންމެ ބޮޑަށް އިތުރުވެފައިވަނީ ޓީޖީއެސްޓީއިންނެވެ.

ދައުލަތުގެ އާމްދަނީ 10.2 އިންސައްތަ އިތުރުވެ، 10.6 ބިލިއަން ރުފިޔާއަށް އެރިއިރު، ބަޖެޓުގެ ސާޕްލަސް 2.2 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރައިފި އެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު ނެރޭ ވީކްލީ ފިސްކަލް ރިޕޯޓް ދައްކާ ގޮތުން ދައުލަތަށް ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 10.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ލިބުނު 9.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 10.2 އިންސައްތަ އިތުރުވުމެކެވެ. ހަމައެއާއިއެކު، ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ބެލެންސް ހުރީ 2.2 ބިލިއަން ރުފިޔާގެ ސާޕްލަސްއެއްގައެވެ.
އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކުހުގެ ގޮތުގައި ލިބުނު 8.6 ބިލިއަން ރުފިޔާއެވެ. މިއީ ޖުމްލަ އާމްދަނީގެ 81 އިންސައްތައެވެ. ފާއިތުވި ހަފުތާގެ ތެރޭގައި އާމްދަނީ އެންމެ ބޮޑަށް އިތުރުވެފައިވަނީ ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުގެ ޓެކްސް (ޓީޖީއެސް.ޓީ) އިން ނެވެ.
އާމްދަނީ އިތުރުވުމަށް މެދުވެރިވި މައިގަނޑު ސަބަބުތަކަށް ބަލާއިރު ޓީ.ޖީއެސް.ޓީގެ ގޮތުގައި ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެމުއްދަތުގައި ލިބުނު 2.7 ބިލިއަން ރުފިޔާ އަޅާބަލާއިރު 23.9 އިންސައްތަ އިތުރުވެ، 3.3 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މިއީ މުދަލާއި ޚިދުމަތުގެ ޓެކުހުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބުނު ދާއިރާއެވެ. މީގެ އިތުރުން، ނޮން-ރެސިޑެންޓް ވިތުހޯލްޑިންގް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު 59.0 އިންސައްތަ އިތުރުވެ، 324.8 މިލިއަން ރުފިޔާއިން 516.4 މިލިއަން ރުފިޔާއަށް ވަނީ މަތިވެފައެވެ. ޓެކްސް ނޫން އާމްދަނީގެ ތެރެއިން ރިސޯޓުތަކުގެ ބިމު ކުލީގެ ގޮތުގައި ލިބުނު އާމްދަނީ 14.7 އިންސައްތަ އިތުރުވެ، 332.5 މިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. އަދި ބޭރު ފައިސާއިން ލިބުނު ޖުމްލަ އާމްދަނީ 300 މިލިއަން އެމެރިކާ ޑޮލަރަށްވުރެ މަތިވެފައިވުމަކީ ރާއްޖޭގެ އިޤްތިޞާދީ ދާއިރާގެ ވަރުގަދަކަން ހާމަކޮށްދޭ ކަމެކެވެ.
މި މުއްދަތުގައި ޖުމްލަ ހަރަދު ހުރީ 8.4 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މި މުއްދަތުގައި އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް އަދި ޕެންޝަނަށެވެ. އެއީ 3.2 ބިލިއަން ރުފިޔާއެވެ. ރިކަރަންޓް ޚަރަދުތަކުގެ ތެރެއިން ސަބްސިޑީއަށް ކުރި ހޭދަ މިދިޔަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު 8.8 އިންސައްތަ އިތުރުވެ 891.2 މިލިއަން ރުފިޔާއަށް އަރާފައިވާއިރު، އެހީ އާއި ސަބްސިޑީގެ ގޮތުގައި ޖުމްލަ 2.6 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މީގެ އިތުރުން، ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ކެޕިޓަލް ޚަރަދުތައް ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ބިން ހިއްކުމާއި އިމާރާތްކުރުމުގެ މަޝްރޫއުތަކަށް ކުރި ހޭދަ މިދިޔަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު 137.5 އިންސައްތަ އިތުރުވެ، 442.7 މިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.
ފިނޭންސުން ބުނި ގޮތުގައި ސޮވެރިންގް ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ޖުމްލަ 520.6 މިލިއަން ރުފިޔާއަށްވާ ޑޮލަރު ވަނީ ޖަމާކޮށްފައެވެ. މީގެ ތެރޭގައި ފާއިތުވި ހަފުތާގައި ޖަމާކުރި 95.5 މިލިއަން ރުފިޔާ ހިމެނެއެވެ. އާމްދަނީ އިތުރުވުމާއި، ޚަރަދުތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ސަބަބުން، ކުރިއަށް އޮތް ތަނުގައިވެސް ދައުލަތުގެ މާލީ ހާލަތު ރަނގަޅުވާނެ ކަމަށް ލަފާކުރެވެއެވެ.