ހަތް ހާލަތެއްގައި ދެން އާސަންދައިން އެމްބިއުލާންސްގެ ހިދުމަތް ލިބޭނެ

އާސަންދަ ސްކީމުގެ ދަށުން ދޭ އެމްބިއުލާންސްގެ ހިދުމަތް ފުޅާ ކުރަން ނިންމާފައިވާކަން އިއުލާނު ކުރެއްވީ މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ހޮސްޕިޓަލްގެ އެމްބިއުލާންސެއް: އާސަންދައިން ދޭ އެމްބިއުލާންސްގެ ހިދުމަތް ވަނީ ފުޅާކޮށްފައި --

ދައުލަތުގެ ސިއްހީ ނިޒާމު، އާސަންދަ ސްކީމް މެދުވެރިކޮށްދޭ އެމްބިއުލާންސުގެ ހިދުމަތް މިހާރަށްވުރެ ފުޅާކޮށް ލިބޭނެ ގޮތަށް ބަދަލުކޮށް، އުސޫލު އިސްލާހުކޮށްފި އެވެ.

ހުސްނުވާ އާސަންދަ ސްކީމް ހިންގި ގަވާއިދަށް ގެނައި އިސްލާހުގައި، ހަތް ހާލަތެއްގައި އެމްބިއުލާސްގައި ގެންދާ ބަލި މީހުންނަށް އެ ސްކީމްގެ ދަށުން ބިލުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ. 

އެ ހާލަތްތަކަކީ؛

  •  އިމަޖެންސީ ނުވަތަ ކުއްލި ހާލަތްތަކުގައި ގެންނަ ފަރާތްތައް
  •  މައްޔިތުން އެމްބިއުލާންސްގައި އުފުލުން
  •  އެނދުމަތި ކުރެވިފައިވާ ފަރާތްތައް އައުޓް ޕޭޝަންޓް ހިދުމަތް ހޯދުމަށް ގެނައުން
  •  ވީލްޗެއާގައި ގެންގުޅެންޖެހޭ ފަރާތްތައް އައުޓް ޕޭޝަންޓް ހިދުމަތް ހޯދަން ގެންނަ ހާލަތްތަކާއި، ނުކުޅެދުންތެރިކަން ހުންނަ މީހުން އައުޓް ޕޭޝަންޓް ހިދުމަތް ހޯދަން ގެންނައުން
  •  ސިއްހީ ހިދުމަތްދޭ މަރުކަޒެއްގައި އެނދުމަތި ކުރެވިފައިވާ މީހަކު އިތުރު ފަރުވާއަށް ނުވަތަ ތަހުލީލަކަށް އެފަދަ އެހެން މަރުކަޒަކަށް ގެންދިއުން
  •  އެނދުމަތިކޮށްފައިވާ ބަލި މީހާ، އާސަންދަ މެދުވެރިކޮށް އިވެކުއޭޓްކުރެވޭ ހާލަތްތަކުގައި ނުވަތަ ރާއްޖޭން ބޭރަށް އިތުރު ފަރުވާއަށް ރިފާކުރެވޭ ހާލަތްތަކުގައި، ބަލި މީހާ ޖެޓީއަށް ނުވަތަ އެއާޕޯޓަށް ގެންދިއުން
  •  ތެލެސީމިއާ ބަލި ތަހައްމަލްކުރާ ފަރާތްތައް އައުޓް ޕޭޝަންޓް ހިދުމަތް ހޯދުމަށް ގެނައުން

ގަވާއިދުގައިވާ ގޮތުގައި، އެ އިސްލާހަށް އަމަލުކުރަން ފަށާނީ މާދަމާއިން ފެށިގެންނެވެ.

އާސަންދަ ސްކީމުގެ ދަށުން ދޭ އެމްބިއުލާންސްގެ ހިދުމަތް ފުޅާ ކުރަން ނިންމާފައިވާކަން އިއުލާނު ކުރެއްވީ މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެހިދުމަތް ފުޅާކުރީ ވަރަށް ގިނަ ބަޔަކު އެދެމުންދާތީ، މަޝްވަރާތައް ކުރުމަށްފަހުގައި ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

"މި ބަދަލު ގެންނަން ނިންމާފައިވަނީ ވަރަށް ޓެކްނިކަލް ލެވަލްއެއްގައި އެކި އޭންގަލްތަކުން މަޝްވަރާ ކުރުމަށްފަހު. މިއީ ގިނަ ބަޔަކަށް ދަތިވެގެން ލުއިތަކެއް ބޭނުންވާތީ އެކަމަށް މަޝްވަރާކޮށް މިއީ ލުއިތަކެއް ބޭނުންވާ ކަމަށްވާތީ،" ރައީސް ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.