ބީއެމްއެލްގެ މާކެޓް ކެޕިޓަލައިޒޭޝަން މިމަހު 27 ގައި ހުރި 3.6 ބިލިއަން ރުފިޔާއިން، މިމަހުގެ 30 ވަނަ ދުވަހާ ހަމައަށް 31.97 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، މިއާއެކު އެ ބޭންކް ވެފައިވަނީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓުކޮށްފައި

ބީއެމްއެލް އެންމެފަހުން ބޭއްވި އަހަރީ އާންމު ޖަލްސާއަށްފަހު، ރާއްޖޭގެ މާލީ ބާޒާރުގެ ތާރީޚުގައި ފާހަގަކޮށްލެވޭ ފަދަ ބޮޑު ބަދަލެއް އައިސް، ރާއްޖޭގެ ކެޕިޓަލް މާކެޓަށް ތާރީޚީ ކުރިއެރުމެއް ލިބިއްޖެ އެވެ.
ރާއްޖޭގެ ހިއްސާގެ ބާޒާރުގައި 27 މާރިޗު 2026 ވަނަ ދުވަހާ ހަމައަށް، ލިސްޓުކޮށްފައިވާ ހުރިހާ ސެކިއުރިޓީޒްތަކެއްގެ މާކެޓް ކެޕިޓަލައިޒޭޝަން ހުރީ ގާތްގަނޑަކަށް 33 ބިލިއަން ރުފިޔާގަ އެވެ. ނަމަވެސް، ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުން ބޯނަސް ހިއްސާ ދޫކުރުމަށާއި ޝެއާ ސްޕްލިޓް (ހިއްސާ ބައި ކުރުން) ފާސްކުރުމާއެކު، މާކެޓް ކެޕިޓަލައިޒޭޝަން ވަނީ 62 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. މާކެޓް އަގަށް އައި މި ބޮޑު ބަދަލަކީ މުޅިންހެން ބީއެމްއެލްގެ މި ނިންމުމާއި ގުޅިގެން އައި ބަދަލެއްކަން ފާހަގަކުރެވެއެވެ.
ބީއެމްއެލްގެ މާކެޓް ކެޕިޓަލައިޒޭޝަން މިމަހު 27 ގައި ހުރި 3.6 ބިލިއަން ރުފިޔާއިން، މިމަހުގެ 30 ވަނަ ދުވަހާ ހަމައަށް 31.97 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، މިއާއެކު އެ ބޭންކް ވެފައިވަނީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓުކޮށްފައިވާ އެންމެ ބޮޑު ކުންފުންޏަށެވެ.

މާކެޓަށް އައި މި ބަދަލު ބޮޑަށް ގުޅިފައިވަނީ ބީއެމްއެލްގެ ހިއްސާ ގަނެވިއްކުމަށް މަގުފަހިވެ، ލިކުއިޑިޓީ އިތުރުވުމާއެވެ. 2025 ވަނަ އަހަރު ބީއެމްއެލްގެ 50 ރުފިޔާގެ މޫނުމަތީ އަގުގެ ހިއްސާއެއްގެ އެވްރެޖް މާކެޓްގެ އަގު ހުރީ ގާތްގަނޑަކަށް 800 ރުފިޔާގައެވެ. ނަމަވެސް، ބޯނަސް އިޝޫ އާއި ޝެއަރ ސްޕްލިޓަށްފަހު، 5 ރުފިޔާގެ މޫނުމަތީ އަގުގެ ހިއްސާއެއްގެ މާކެޓް އަގު މިހާރު ވަނީ ގާތްގަނޑަކަށް 200 ރުފިޔާއަށް ތިރިވެފައެވެ. މިއީ، ނިސްބަތުން މިނިންމުމުގެ ކުރިން ގަނެވިއްކުމުގެ މުއާމަލާތްތަކުގެ އަގަށް ބަލއިފިނަމަ ގާތްގަނޑަކަށް %650 ގެ މާކެޓް އަގުގެ ކުރިއެރުމެކެވެ.
މި ބަދަލުގެ ސަބަބުން ވަގުތުން ދެ ނަތީޖާއެއް ފެނިގެންދިޔައެވެ. ފުރަތަމަ ކަމަކީ، މިހާރު ތިބި ހިއްސާދާރުން މާކެޓްގައި ހަރަކާތްތެރިވުމަށް ހިތްވަރު ލިބި، ހިއްސާ ވިއްކުމުގެ ހަރަކާތްތައް އިތުރުވުމެވެ. ދެވަނަ އަދި އެންމެ މުހިންމު ކަމަކީ، އާ އިންވެސްޓަރުންނަށް، ހާއްސަކޮށް ޒުވާނުންނަށް، މާކެޓަށް ވަނުމަށް އޮތް ހުރަސްތައް ކުޑަވެ، ގިނަ ބަޔަކަށް މާކެޓްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވިގެންދިއުމެވެ.

މި ކުރިއެރުމާ ގުޅޭގޮތުން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ގްރޫޕް ސީއީއޯ އައުޝަން ލަތީފު ވިދާޅުވީ ފަހުގެ ޑޭޓާތަކުން ދައްކާގޮތުގައި މި ނިންމުމުގެ ސަބަބުން ދިގު މުއްދަތަށް އިންވެސްޓްކޮށްފައިތިބި ހިއްސާދާރުންނަށް ބޮޑު ފައިދާއެއް ލިބިގެންދެ އެވެ. އެއީ ބޭންކް މިއަދު އޮތް ހިސާބަށް ގެނައުމުގައި އެންމެ ބޮޑު ހިއްސާއެއްވީ ފަރާތްތަކެވެ. ހަމައެއާއެކު، މީގެ ސަބަބުން ޒުވާނުންނާއި މުޅިން އަލަށް އިންވެސްޓްކުރާ ފަރާތްތަކަށް މާކެޓަށް ވަދެ، ކުންފުނީގެ މުސްތަގުބަލުގެ ކުރިއެރުމުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދެއެވެ.
މި ކުރިއެރުމުން ހާމަވަނީ ކެޕިޓަލް މާކެޓް ތަރައްގީކުރުމުގެ މުހިންމު މަގްސަދެކެވެ. އެއީ މިހާރު ތިބި ހިއްސާދާރުންނަށް ފައިދާ ހޯދައިދިނުމާއެކު، އާ އިންވެސްޓަރުންނަށް ފަސޭހައިން ބައިވެރިވެވޭނެ ފަދަ، ހުރިހާ އެންމެން ޝާމިލުވާ އިންވެސްޓްމަންޓް މާހައުލެއް ގާއިމުކުރުމެވެ.

ބީއެމްއެލްގެ މި ނިންމުމަކީ ކެޕިޓަލް ރީސްޓްރަކްޗަރިން މެދުވެރިކޮށް ކުރިއަރަމުން އަންނަ މާކެޓްތަކުގައި ލިކުއިޑިޓީ އިތުރުކުރެވިދާނެ ގޮތުގެ ސާފު މިސާލެކެވެ. މާކެޓްގައި ގަނެވިއްކޭ ހިއްސާގެ އަދަދު އިތުރުކޮށް، ހިއްސާއެއްގެ އަގު ހެޔޮކުރުމުން، ސެކަންޑަރީ މާކެޓް އިތުރަށް ހަރަކާތްތެރިވުމަށް ވަނީ މަގުފަހިވެފައެވެ. މިއީ ލިސްޓުކޮށްފައިވާ އެހެން ކުންފުނިތަކަށްވެސް ލިބިގެންދިޔަ މުހިންމު ސިގްނަލްއެކެވެ. މިހާރު ޕްރައިސް-ޓު-ބުކް ރޭޝިއޯ ގާތްގަނޑަކަށް 0.66 ގައި ހުރި އަދި ގާތްގަނޑަކަށް %4 ގެ ޑިވިޑެންޑް ޔީލްޑެއް ލިބޭ އެސްޓީއޯ ފަދަ ކުންފުނިތަކަށްވެސް މިފަދަ ފިޔަވަޅުތަކެއް އެޅުމުން ފައިދާ ކުރާނެއެވެ. ދޫކޮށްފައިވާ ހިއްސާގެ އަދަދު ނިސްބަތުން މަދު އެސްޓީއޯއަށްވެސް، ރަނގަޅަށް ރޭވިފައިވާ ޝެއަރ ސްޕްލިޓެއް މެދުވެރިކޮށް ލިކުއިޑިޓީ އިތުރުކޮށް، އިންވެސްޓަރުންގެ ބައިވެރިވުން އިތުރުކުރުމުގެ ފުރުސަތު އެބައޮތެވެ.
ބީއެމެއެލް އޭޖީއެމްއަށްފަހު މާކެޓުގެ ތަފާސްހިސާބުތަކުން ފެނުނީ ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓަށް އައި މުހިންމު ބަދަލެކެވެ. މާކެޓް ކެޕިޓަލައިޒޭޝަނަށް އައި ބޮޑު ކުރިއެރުމާއި، އިންވެސްޓަރުންގެ ބައިވެރިވުން އިތުރުވުމަކީ، ހަރުދަނާކަމާއެކު ތަންފީޒުކުރެވޭ ކޯޕަރޭޓް ނިންމުންތަކުގެ ސަބަބުން މާކެޓަށް އަތުވެދާނެ ބޮޑު ބަދަލުތަކުގެ ހެއްކެކެވެ. މާކެޓް ތަރައްޤީވަމުންދާއިރު، މިއީ ރާއްޖޭގެ މާކެޓުގައި ހިއްސާ ގަނެވިއްކުމުގެ ފުރުސަތުތަކާއި، އަދި އިންވެސްޓަރުންގެ ޝައުޤުވެރިކަން އައު އުސްމިންތަކަކަށް ގެންގޮސްދިން ތާރީޚީ ބަދަލެއްގެ ގޮތުގައި ބެލެވިގެންދާނެއެވެ.