އިގްތިސޯދަށް އުންމީދެއް | ލުއިތަކާއެކު ކޮންޑޯ ރާއްޖެއަށް

ކޮންޑޯއިން މިއަދު ފެށި ދަތުރުތަކާއެކު ހަފުތާއަކު ދެ ފްލައިޓް އޮންނާނެ އެވެ.

ޖަރުމަނުން އައި ކޮންޑޯގެ ބޯޓަށް މިއަދު މަރުހަބާ ކިޔަނީ

ދަތުރު ފަށަން މިހާލަތުގައި ލުއިތަކެއް ހަމަޖެއްސުމާއެކު ޖަރުމަނުގެ ފްރެންކްފަޓުން ސީދާ ރާއްޖެެއަށް ދަތުރުތައް ފަށައިފި އެވެ. 

ރާއްޖޭގެ ޓޫރިޒަމްގައި އުންމީދީ ގައުމެއް ކަމަށްވާ ޖަރުމަނުން އައި ކޮންޑޯގެ ބޯޓަށް މަރުހަބާ ކިޔަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވާފަ އެވެ. 

ޖަރުމަނުގެ މަޝްހޫރު ލެއިޝަ އެއާލައިން، ކޮންޑޯއިން ފެށި މި ދަތުރުތަކަކީ ހޫނު މޫސުމާ ހަމައަށް ދެމިގެންދާނެ ދަތުރުތަކެކެވެ. މި ދަތުރުތައް އޮންނާނީ ހަފުތާއަކު ދެ ދުވަހު އެވެ. އެއީ ބުރާސްފަތި ދުވަހާއި އާދީއްތަ ދުވަހު އެވެ. 

މި ދަތުރުތަކުގައި ކޮންޑޯއިން ބޭނުންކުރަނީ އެންމެ ފަހުގެ އެއާބަސް 330 ނިއޯ މަރުކާގެ ބޯޓުތަކެވެ. މީގެ ސަބަބުން ދަތުރުވެރިންނަށް ލިބޭ ހިދުމަތުގެ ފެންވަރު މަތިވެގެންދާނެ އެވެ. މި ބޯޓުން 300 ފަސިންޖަރުން އުފުލޭނެ އެވެ. 

ކޮންޑޯ ފެށިއިރު އީރާން- އިސްރާއިލް ހަނގުރާމައިގެ ސަބަބުން އެއާލައިންތަކަށް ލުއި ގޮތްތަކެއް ހަމަޖައްސައިދޭން މަސައްކަތް ކުރާ ކަމަށް ސިވިލް އޭވިއޭޝަން މިނިސްޓަރު ކެޕްޓަން މުހައްމަދު އަމީން ވަނީ ވިދާޅުވެފަ އެވެ. 

ޓޫރިޒަމް ފަށަން އެހީވި އެއާލައިން

ކޮންޑޯއިން ރާއްޖެއަށް އެންމެ ފުރަތަމަ ދަތުރުތައް ފަށާފައިވަނީ 1970 ގެ އަހަރުތަކުގެ ފަހުކޮޅުގައެވެ. މި އެއާލައިންއަކީ ރާއްޖޭގެ ޓޫރިޒަމް ހުޅުވިގެން ދިއުމުގައި އެހީތެރިވި އެއާލައިން އެކެވެ. ރާއްޖެއަށް ކޮންޑޯގެ ފުރަތަމަ ޗާޓަރު ފްލައިޓް ޖެއްސީ 1977 ގައެވެ. އޭރު އާންމުކޮށް މިފަދަ ދިގު ދަތުރުތަކަށް ކޮންޑޯއިން ބޭނުންކުރީ ބޮއިން 707 މަރުކާގެ ބޯޓުފަހަރެވެ. އަދި 1981 ވަނަ އަހަރު ހުޅުލޭ އެއާޕޯޓް މިހާރުގެ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ރަސްމީކޮށް ބައިނަލްއަޤުވާމީ ފެންވަރަށް ހުޅުވުމާއެކު، ކޮންޑޯގެ ދަތުރުތައް ވަރަށް ބޮޑަށް އިތުރުވެ، ރާއްޖެއަށް ޖަރުމަނު ޓޫރިސްޓުން އަންނަ މިންވަރު އެތައް ގުނައަކަށް މަތިވިއެވެ.

މިދިޔަ 10 އަހަރު ދުވަހަށް ބަލާއިރު ޖަރުމަނުން ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. އެ ގައުމުން މިދިޔަ އަހަރު 156,200 ޓޫރިސްޓުން އައިސްފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.