ފުލުހުން ބުނީ މި ތިން މީހުންގެ ތެރެއިން އަޒުހީމަކީ ސޯޝަލް މީޑިއާ ހެކުކޮށް، އެހެން މީހެއްގެ ނަމުގައި އެކައުންޓެއް ހަދައި، މީހެއްގެ އަތުން މަކަރާ ހީލަތުން 3500 ރުފިޔާ ހޯދާފައިވާ މީހެއް ކަމަށެވެ.

ސްކޭމް ކޮށްގެން މަކަރާ ހީލަތުން ފައިސާ ހޯދި މައްސަލަތަކަކާ ގުޅިގެން ތިން މީހަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.
މި މައްސަލަތަކާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ ހދ. ހޯޑެއްދޫ، ފެހިވިނަމާގެ، އަޒުހީމް ސައީދު 36، އާއި ފުވައްމުލަކު ސިޓީ، ދޫޑިގަން، ގޯލްޑަންގޭޓް، އަލީ ޝަފާޒު 31، އަދި ސ. ހިތަދޫ، ކުޅިބަލާގެ، މުހައްމަދު ޖުނައިދު 47، އެވެ.
ފުލުހުން ބުނީ މި ތިން މީހުންގެ ތެރެއިން އަޒުހީމަކީ ސޯޝަލް މީޑިއާ ހެކުކޮށް، އެހެން މީހެއްގެ ނަމުގައި އެކައުންޓެއް ހަދައި، މީހެއްގެ އަތުން މަކަރާ ހީލަތުން 3500 ރުފިޔާ ހޯދާފައިވާ މީހެއް ކަމަށެވެ.
އޭނާ ހައްޔަރު ކޮށްފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. އޭނާގެ ބަންދު މުއްދަތު ހަމަވާނީ އަންނަ މަހުގެ 27 ވަނަ ދުވަހު އެވެ.
އަލީ ޝަފާޒު ވެސް ހައްޔަރުކޮށްފައި ވަނީ ސޯޝަލް މީޑިއާ ހެކްކޮށްގެން މީހެއްގެ އަތުން 4500 ރުފިޔާ ހޯދި މައްސަލައެއްގަ އެވެ. އޭނާ މިމަހުގެ 27 ވަނަ ދުވަހު ހައްޔަރުކޮށްފައިވާއިރު، ބަންދު މުއްދަތު ހަމަވާނީ އަންނަ މަހުގެ 12 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ޖުނައިދު ހައްޔަރުކޮށްފައި ވަނީ ޑޮލަރު ވިއްކާނެ ކަމަށް ބުނެ، މަކަރާ ހީލަތުން މީހެއްގެ އަތުން 29،987 ރުފިޔާ ހޯދި މައްސަލައިގައި ކަމަށެވެ. އެ މައްސަލައިގައި މިމަހުގެ 20 ވަނަ ދުވަހު އޭނާ ހައްޔަރުކޮށްފައިވާއިރު، ބަންދު މުއްދަތު ހަމަވާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު އެވެ.