ނަމަވެސް، ރައީސް ވިދާޅުވީ، ގޯތި ލިބިފައިތިބި މީހުންނަކީ ކުރިން ގޯއްޗެއް ލިބިފައި ނެތް މީހުންނަށް ވުރެ ރަނގަޅު ހާލަތެއްގައި ތިބި ބައެއް ކަމަށެވެ. އެހެންވެ، ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ދިން ނަމަވެސް އެ ހާލަތަށް ރިއާޔަތް ކުރާނެ ކަމަށެވެ.

"ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ލިބި ނަމަވެސް އެ ގޯތި ހެދުމުގެ ގާބިލުކަމެއް ނެތް މީހުން އެ ބިން ދޫކޮށްލުމަށްފަހު ފްލެޓަށް އެދުމުގެ ފުރުސަތު ހުޅުވާލަން ނިންމައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅު، ގިރާވަރުފަޅު އަދި ހުޅުމާލޭން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި ވަރަށް ނިކަމެތި މީހުންވެސް ހިމެނޭ ކަމަށެވެ.
އެފަރާތްތަކަށް އެ ގޯތި އިމާރާތް ކުރަން ދުވަސް ނަގާނެތީ، އެކަމަށް ލުޔެއް ދިނުމަށް ވަރަށް ގިނަ ރައްޔިތުން އެދެމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ސަރުކާރުން އެދެނީ ވީހާވެސް ގިނަ ރައްޔިތުންނަށް ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅޭނެ މަގުފަހިކޮށްދިނުން ކަމަށްވެސް ވިދާޅުވި އެވެ.
"އެފަރާތްތަކުން އެ ގޯތި އިމާރާތް ކުރަން ދުވަސް ނަގާނެތީވެ ވަރަށް ގިނަ ރައްޔިތުން އެބަ އެދޭ ކޮންމެވެސް ފުރުސަތެއް ހުޅުވާލެވިގެންދާނެތޯ ގޯތި ދޫކޮށްލާފަ މިހާރު މި އަޅަމުންދާ ފްލެޓް ކެޓެގަރީއަށް އެދުމުގެ ފުރުސަތު. އެހެންވީމަ އަޅުގަނޑުމެންގެ ތެރޭގައި މަޝްވަރާކޮށްފަ އެކަމަށް ހުޅުވާލެވޭނެ ގޮތެއް މި ކަނޑައެޅީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގިރާވަރުފަޅުން ލިބުނު ގޯތިތައް ވެސް އެޅޭނީ އެތަނުގައި އުމްރާނީ އެކި ވަސީލަތްތައްވެސް ގާއިމްކުރެވިގެން ކަމަށެވެ. އެހެންވުމާއެކުވެސް ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށާއި، އެ ނިންމުން ނިންމީ އެކަމަށްވެސް ރިއާޔަތް ކުރުމަށްފަހުގައި ކަމަށެވެ.
ނަމަވެސް، ރައީސް ވިދާޅުވީ، ގޯތި ލިބިފައިތިބި މީހުންނަކީ ކުރިން ގޯއްޗެއް ލިބިފައި ނެތް މީހުންނަށް ވުރެ ރަނގަޅު ހާލަތެއްގައި ތިބި ބައެއް ކަމަށެވެ. އެހެންކަމުން ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ދިން ނަމަވެސް އެ ހާލަތަށް ރިއާޔަތް ކުރާނެ ކަމަށެވެ.
"އެ ހާލަތަށް ރިއާޔަތްކޮށް، އެހެން ނަމަވެސް އެޕްލައި ކުރެވި، ފެއާ ޕްރޮސެސްއެއްގެ ތެރެއިން ފްލެޓު ހޯދުމަށް ފުރުސަތު ދޭން ގަސްތުކޮށްފައި މި ވަނީ،" ރައީސް ވިދާޅުވި އެވެ.
ގޯތި ދޫކޮށްލުމަށްފަހު ފްލެޓަށް އެދުމުގެ ފުރުސަތު ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ހުޅުވައިލާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.