ބީއެމްއެލްގެ ސްޕޯކްސް ޕާސަން މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި ދުނިޔެއަށް މިހާރު ދިމާވެފައިވާ ހާލަތުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުންތަކުން އަރައި ގަންނަން އެ ބޭންކުން އެހީވާނެ އެވެ.

މި ހަނގުރާމައިގެ ސަބަބުން ޓޫރިޒަމް ސިނާއަތަށް ކުރިމަތިވެދާނެ ގޮންޖެހުމަކުން އަރައި ގަންނަން ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް އެހީތެރިކަން ދިނުމުގައި ދެމި އޮންނާނެކަމުގެ ޔަގީންކަން ބޭންކް އޮފް މޯލްޑިވްސް ދީފި އެވެ.
ރާއްޖޭގެ ގައުމީ ބޭންކް ބީއެމްއެލްއިން މިހެން ބުނެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއަށް ފޯރުކޮށްދޭ މާލީ އެހީތެރިކަމާ ގުޅޭގޮތުން މިނިސްޓަ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ތޯރިގު އިބްރާހިމް އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސުގައި ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. މިނިސްޓަރު ވިދާޅުވީ މިހާލަތުގައި ޓޫރިޒަމް ސިނާއަތަށް އެހީތެރިކަން ދޭން ބޭންކްތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ.
ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ އަޅުގަނޑުމެންގެ އެންމެ ބޮޑު އިސްކަމެއް ދެނީ މި ދަނޑިވަޅުގައި ފަތުރުވެރިކަމުގެ ސިނާއަތާއެކު ސާބިތުވެ ތިބުމަށެވެ. އަދި ސިނާއަތުގެ ސްޓޭކްހޯލްޑަރުންނާއެކު ހުޅުވާލެވިފައިވާ މަޝްވަރާތައް ބޭއްވުމުގެ ސަބަބުން، ވިޔަފާރިތައް ހިންގުމަށް އެހީތެރިވެދޭނެ، އަދި މިހާރުގެ ހާލަތުން އަރައިގަތުމަށް މަގުފަހިކޮށްދޭނެ، މާލީ ހައްލުތަކެއް ފޯރުކޮށްދިނުމުގެ ފުރުސަތު ލިބި، މުޅި ސިނާއަތުގެ އިތުބާރު ދެމެހެއްޓުމަށް މަގުފަހިވެގެންދެ އެވެ.
ރާއްޖޭގެ އިގްތިސާދުގެ މައި ތަނބު ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތުގެ ހަމަޖެހުން ގާއިމުކުރުމަށާއި، އެ ސިނާއަތުގެ ކުރިއެރުމަށް މަސައްކަތް ކުރުމަކީ ގައުމީ ފެންވަރުގައި އިސްކަންދޭ ކަމަކަށްވާއިރު، ބޭންކުގެ މަސައްކަތްތައް ބައްޓަންކޮށްފައިވަނީ އެ އަމާޒަށް ވާސިލުވުމަށެވެ.
ބީއެމްއެލްގެ ސްޕޯކްސް ޕާސަން މުހައްމަދު ސައީދު އެކްސްގައި ވިދާޅުވި ގޮތުގައި ދުނިޔެއަށް މިހާރު ދިމާވެފައިވާ ހާލަތުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، މި ސިނާއަތުގެ މުހިންމު ސްޓޭކްހޯލްޑަރުންނާ ގުޅިގެން، ފަތުރުވެރިކަމަށް ކުރިމަތިވަމުންދާ އަސަރުތައް ދެނެގަނެ، އެ ސިނާއަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން ދަނީ މަސައްކަތް ކުރަމުން އެެވެ. މިގޮތުން، ރިސޯޓް އޮޕަރޭޓަރުންނާއި، ގެސްޓްހައުސް ހިންގާ ފަރާތްތަކާއި އަދި ފަތުރުވެރިކަމާ ގުޅުންހުރި އެހެނިހެން ވިޔަފާރިތަކުގެ ހިންގުމަށާއި މާލީ ހާލަތަށް އަންނަ ބަދަލުތައް ދެނެގަތުމަށްޓަކައި އެ ފަރާތްތަކާއެކު މެދުނުކެނޑި މަޝްވަރާތައް ހިނގަމުންދާ ކަަމަށް އޭނާ ވިދާޅުވި އެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ކުރިއަށް އޮތް ތަނުގައިވެސް ހާލަތު ބަދަލުވަމުން އަންނަ ގޮތް ގާތުން ބަލަމުންދާނެއެވެ. އަދި ބޭނުންވާ ހާލަތްތަކުގައި އެހީތެރިކަމުގެ ފިޔަވަޅުތަކަށް ބަދަލު ގެނެސް، މި ސިނާއަތަށް ދިމާވާ ގެއްލުންތަކުން އަރައިގަތުމަށް އެހީވެ، ދެމެހެއްޓެނި ސިނާއަތެއްގެ ގޮތުގައި ދެމިއޮތުމަށް ބޭނުންވާ އެހީތެރިކަން ބޭންކުން ފޯރުކޮށްދެމުންދާނެއެވެ.