މި ހަމަލާގައި އިންޑިއާގެ ރައްޔިތަކު މަރުވެފައިވާއިރު، އިމާރާތަށް ވަނީ ބޮޑެތި މާއްދީ ގެއްލުންތަކެއް ލިބިފައެވެ.

އީރާނާއި އެމެރިކާ-އިސްރާއީލާ ދެމެދު ހިނގަމުންދާ ވަރުގަދަ ހަނގުރާމައިގެ ތެރެއިން، ކުވައިތުގެ ފެނާއި ކަރަންޓު އުފައްދާ މަރުކަޒަކަށް އީރާނުން ދިން ހަމަލާއެއްގައި އިންޑިއާގެ މަސައްކަތްތެރިއަކު މަރުވެ، އެ ތަނަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ ކަމަށް ކުވައިތުގެ ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.
ކުވައިތުގެ މިނިސްޓްރީ އޮފް އިލެކްޓްރިސިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ ކުވައިތުގެ ސިޔާދަތަށް އީރާނުން ދިން ނުރައްކާތެރި ހަމަލާއެއް ކަމަށެވެ. މި ހަމަލާ އަމާޒުވެފައިވަނީ ފެން އުފައްދާ އަދި ކަރަންޓު އުފައްދާ ޕްލާންޓެއްގެ ސާވިސް ބިލްޑިންގް އަކަށެވެ.
މި ހަމަލާގައި އިންޑިއާގެ ރައްޔިތަކު މަރުވެފައިވާއިރު، އިމާރާތަށް ވަނީ ބޮޑެތި މާއްދީ ގެއްލުންތަކެއް ލިބިފައެވެ. ހަމަލާއާ ގުޅިގެން ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތަކުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް، ޕްލާންޓުގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށްގެންދިއުމަށް މަސައްކަތް ފަށާފަ އެވެ.
ކުވައިތުގެ ޑިފެންސް މިނިސްޓްރީން ބުނިގޮތުގައި، ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެ ގައުމުގެ ވައިގެ ސަރަހައްދުން 14 މިސައިލާއި 12 ޑްރޯން ވަނީ ފާހަގަކުރެވިފަ އެވެ. މީގެ ތެރެއިން ބައެއް ޑްރޯންތައް އަސްކަރީ ކޭމްޕަކަށް އަމާޒުވެ 10 ސިފައިންނަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފަ އެވެ.