އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ވަރުގަދަވެ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ފާއިތުވި ދެ ހަފުތާގެ ތެރޭގައި ނުއުފުލޭ މިންވަރަށް މިހާރު ވަނީ އުފުލިފަ އެވެ.

އިސްރާއިލް- އެމެރިކާއިން އިސްވެ އީރާނަށް ދޭން ފެށި ހަމަލާތަކާއެކު ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 120 ޑޮލަރަށް އުފުލިއްޖެ އެވެ.
އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ވަރުގަދަވެ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ފާއިތުވި ދެ ހަފުތާގެ ތެރޭގައި ނުއުފުލޭ މިންވަރަށް މިހާރު ވަނީ އުފުލިފަ އެވެ. މިވަރަށް އަގު އުފުލިގެން ގޮސްފައިވަނީ އެމެރިކާގެ އެއްގަމު ސިފައިން އީރާނަށް އަރައިފިނަމަ، އެމީހުން "އަންދާލައި" ގަދަފަދަ ބަދަލު ހިފުމަކުން ބަދަލު ހިފާނެކަމެ އިންޒާރު އީރާނުގެ ރައީސް ދެއްވުމުންނެވެ. މިއާއެކު މިހާރު ތެޔޮ ފީފާއެއްގެ އަގު ހުރީ 119 ޑޮލަރުގަ އެވެ. އަދި ބައެއް މާކެޓުތަކުގައި 120 ޑޮލަރަށް އުފުލިފައިވެ އެވެ.
ހަނގުރާމަ ހުއްޓޭނެކަމުގެ އެއްވެސް އަލާމާތެއް ފެންނަން ނެތްއިރު އީރާނުގެ މަދަދުލިބޭ ހޫތީން ވަނީ މި ހަނގުރާމައިގައި ފުރަތަމަ ފަހަރަށް އިސްރާއީލަށް މިސައިލުން ވަނީ ހަމަލާ ދީފަ އެވެ. އަދި އިސްރާއީލުން ވަނީ ލުބުނާނުގެ ދެކުނަށް ކުރަމުންދާ އަރައިގަތުން އިތުރަށް ފުޅާކޮށްފަ އެވެ.ހަނގުރާމަ ފުޅާވުމާއެކު އޭޝިއާގެ ހިއްސާގެ ބާޒާރުތައް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.
އީރާނުން ހޮރުމޫޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން، ދުނިޔޭގައި ބޭނުންކުރާ ތެލާއި ކައްކާ ގޭހުގެ ފަސްބައިކުޅަ އެއްބައި ސަޕްލައި ވަނީ މެދުކެނޑިފަ އެވެ. ހަނގުރާމަ ފެށުނު ފަހުން ތެލުގެ އަގު ވަނީ 60 އިންސައްތަ އުފުލިފައެވެ. މިއީ ފަހުގެ ތާރީޚެއްގައި ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު ހަކަތައިގެ ދަތިކަމެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުން ކަނޑުގެ މަގު ހުޅުވައިނުދީފިނަމަ، އެ ގައުމުގެ ހަކަތަ އުފައްދާ ހުރިހާ ވަސީލަތްތަކެއް "ފުނޑުފުނޑު" ކޮށްލާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ. ޓްރަމްޕް ވަނީ މި ކަމަށް އެޕްރީލް 6 ގެ ނިޔަލަށް މުހުލަތެއް ދެއްވާފަ އެވެ.
ޕާކިސްތާނު މެދުވެރިވެގެން ނުސީދާ ވާހަކަތަކެއް ކުރިއަށްދާއިރު، ޓްރަމްޕް ހުށަހެޅުއްވި 15 ނުކުތާގެ ސުލްހައިގެ ޕްލޭނަށް އީރާނުން ވަނީ އިންކާރުކޮށްފަ އެވެ. އީރާނުން ބޭނުންވަނީ ހަނގުރާމައިގެ ބަދަލު ހޯދުމަށާއި، ހޯރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ބާރު އެގައުމަށް އޮތްކަން ބައިނަލްއަގުވާމީ މުޖުތަމައުން ގަބޫލުކުރުމަށް އަންގާފަ އެވެ.