ޓްރާންސްޕޯޓް މިނިސްޓަރު އަމީން ވިދާޅުވި ގޮތުގައި ކުރިން ފްލައިޓް ބުކްލޯޑް ހުރީ 50 ޕަސެންޓުގަ އެވެ. ނަމަވެސް މިހާރު މި އަދަދު 70 ޕަސެންޓަށް ވަނީ އިތުރުވެފަ އެވެ.
ސަރުކާރާއި ހުރިހާ ފަރާތްތައް ގުޅިގެން ފަށާފައިވާ ގިނަ މަސައްކަތްތަކާއެކު ރާއްޖެ އަންނަ ފްލައިޓް އިތުރުކޮށް ފަސިންޖަރުން އަންނަ އަދަދު އިތުރުވަމުންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ހަނގުރާމަ ފެށުނުއިރު ދުވާލަކު 19 ފްލައިޓް ކެންސަލްވެ ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު 3،000 މީހުން ދިޔައީ މަދުވަމުންނެވެ. ނަމަވެސް މިހާތަނަށް ކުރި މަސައްކަތުން އެދެވޭ ނަތީޖާތަކެއް ދަނީ ނުކުންނަމުންނެވެ. މި މަސައްކަތުގެ ދަށުން އެއާއޭޝިއާ އާއި އެއާއިންޑިއާ އަދި ރަޝިއާ އިން އަންނަ ޔޫރޯފްލޯޓުގެ ދަތުރުތައް ވަނީ އިތުރު ކުރެވިފަ އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި މި ވަގުތު ކުރަމުންދާ މަސައްކަތްތަކާއެކު މިދިޔަ ހަފުތާއިން ފެށިގެން ފްލައި ދުބާއީ އާއި އެމިރޭޓްސްގެ ފްލައިޓް ވަނީ ދަތުރު ކުރަން ފަށާފަ އެވެ. އަދި އަންނަ މަހުގެ 9 ވަނަ ދުވަހުން ފެށިގެން ގަތަރު އެއާވޭސް ރާއްޖެއަށް ފަށަން ނިންމައި ވަނީ ފްލައިޓް ޝެޑިއުލް ވެސް ނެރެފަ އެވެ.
"އެއާލައިން މި ދަތުރު ކުރަނީ ދެ ޝެޑިއުލްއަކަށް. ރާއްޖޭގައި އަބަދުވެސް ވިންޓައަށްވުރެ ސަމާގެ ބުކްލޯޑް ދަށްވާނެ. އެހެންނަމަވެސް އެޕްރީލް މަހުވެސް ޔޫރޮޕްލޮޓް ހަފުތާއަކު ތިން ފްލައިޓް ބާއްވާނެ ކަމުގެ ޔަގީންކަން ވަނީ ދީފަ،" މިނިސްޓަރު ވިދާޅުވި އެވެ.
އަމީން ވިދާޅުވި ގޮތުގައި ގެއްލުން 100 ޕަސެންޓް ރިކަވާ ނުކުރެވުނު ނަމަވެސް ކުރިއެރުންތަކެއް ދަނީ ލިބެމުންނެވެ.
"ކުރެވުނު މަސައްކަތުން ނަތީޖާ ފެނޭ. ފްލައިޓް ގިނަނަމަވެސް މީހުން ގިނަ ނުވާނަމަ މަގުސަދެއް ނުފެންނާނެ،. މިހާރު ފެންނަ އެންމެ ރަނގަޅު ނަތީޖާއަކީ ބުކްލޯޑް ނުވަތަ ފަސިންޖަރުން އަންނަ އަދަދު އިތުރުވަމުން ދިއުން. ހަނގުރާމަ ފެށުއިރު ހުރީ 50 ޕަސެންޓުގައި. ނަމަވެސް މިހާރު މި އަދަދު ވަނީ 75 ޕަސެންޓަށް ގެނެވިފަ،" އަމީން ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އިއްޔެ ރާއްޖެއަށް 6,342 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. އަދި މި އަހަރުގެ މިހާތަނަށް 627,496 ޓޫރިސްޓުން އައިސްފައިވެ އެވެ.