ސުޕްރީމް ކޯޓުގެ ނިންމުމާ ގުޅިގެން ކްރިމިނަލް ކޯޓުން އަލުން އެ މައްސަލަ ބަލައި، ސަމާހުގެ މައްޗަށް އާދަމް ހަލީމް މަރާލި ކަމުގެ ކުށް ސާބިތުވާ ކަމަށް މިއަދު ވަނީ ކަނޑައަޅާފަ އެވެ. އަދަބު ކަނޑައެޅުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.

ކ. ކާށިދޫގައި މީގެ 14 އަހަރު ކުރިން ޕޮލިސް ސާޖަންޓް އާދަމް ހަލީމް މަރައިލި މައްސަލައިގައި ދައުވާ ކޮށްފައިވާ މުހައްމަދު ސަމާހުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް އަނެއްކާވެސް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ޖުލައި 23، 2012 ގެ ރޭ ކާށިދޫގައި ޑިއުޓީއަށް ދަނިކޮށް އާދަމް ހަލީމަށް ވަޅިއަކުން ބިރުދެއްކުމަށްފަހު މަރާލާފައިވާކަން އެރަށު ސުވާސާގޭ ސަމާހުގެ މައްޗަށް މީގެ ކުރިންވެސް ސާބިތުވެފައިވެ އެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުން އޭނާ މަރަން އިއްވި ހުކުމް ހައިކޯޓުން ވެސް ދަމަހައްޓާފައި ވަނިކޮށް، ސުޕްރީމް ކޯޓުން ވަނީ މައްސަލަ އަލުން ބަލަން ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ ނިންމުމާ ގުޅިގެން ކްރިމިނަލް ކޯޓުން އަލުން އެ މައްސަލަ ބަލައި، ސަމާހުގެ މައްޗަށް އާދަމް ހަލީމް މަރާލި ކަމުގެ ކުށް ސާބިތުވާ ކަމަށް މިއަދު ވަނީ ކަނޑައަޅާފަ އެވެ. އަދަބު ކަނޑައެޅުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.
ސާޖަންޓް އާދަމް ހަލީމް މަރާލާފައި ވަނީ ސަމާހު ގޭބަންދުކޮށްފައި ހުއްޓައި ރަށު ތެރޭގައި އުޅެނިކޮށް އޭނާ ހައްޔަރުކޮށް ފުލުހަށް ގެންދަން އުޅެނިކޮށެވެ. އެވަގުތު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ސަމާހު އޭރު ދަށު ކޯޓުގައި ބުނެފައިވެ އެވެ.
މި މައްސަލައިގައި އެންމެ ފުރަތަމަ ސަމާހު ވަނީ ކުށަށް އިއުތިރާފްވެފަ އެވެ. އެކަމަކު ފަހުން އިންކާރުކުރުމަށްފަހު ސަމާހު ބުނެފައި ވަނީ ކުށަށް އިއުތިރާފްވީ ފުލުހުން އަނިޔާކޮށް ބިރުދެއްކުމުން ކަމަށެވެ. ސަމާހުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް އޭރު ދަށު ކޯޓުން ކަނޑައަޅާފައި ވަނީ އޭނާގެ އިއުތިރާފްގެ މައްޗަށް ބިނާކޮށެވެ. އޭނާ މަރަން ހުކުމްކޮށްފައި ވަނީ ހުރިހާ ވާރިސުންވެސް ގިސޯސް ހިފަން ބޭނުންވާ ކަމަށް ބުނެފައިވާތީ އެވެ.
ދަށު ކޯޓުން އިއްވި ހުކުމް ކަށަވަރުކުރަން ދައުލަތުން ހައިކޯޓަށް މައްސަލަ ހުށަހެޅުމުން ހައިކޯޓުން ވެސް ވަނީ އެހުކުމް ދަމަހައްޓައިފަ އެވެ. ހައިކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ނުކުރާ ކަމަކަށް އިއުތިރާފް ފަދަ މަޖުބޫރީ ހާލަތްތަކެއް ސަމާހުގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިނުވާ ކަމަށެވެ.
އެހެންވެ، ސަމާހުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވެ އެވެ. ނަމަވެސް އަލުން މައްސަލަ ބެލުމަށް އެންގީ އެ މައްސަލައިގައި އިތުރު ހެކި ހުރިތޯ ބެލުމަށެވެ.