ޝަރީފު ވިދާޅުވީ އަޅުގަނޑުމެންގެ ކާމިޔާބީ މިނެކިރެނީ ހަމައެކަނި މާލީ ނަތީޖާތަކުން ނޫނެވެ. އޭގެ ބަދަލުގައި ދިވެހިންގެ ދިރިއުޅުމަށާއި އަދި އަޅުގަނޑުމެންގެ އިގްތިސާދު ކުރިއަރުވާ ވިޔަފާރިތަކަށް ކުރާ ހެޔޮ އަސަރުތަކުންނެވެ.

މިދިޔަ އަހަރަކީ އިގްތިސާދީ ކުރިއެރުމަށް މަގުފަހިކޮށް، މާލީ ހިދުމަތްތައް ފުޅާކުރި އަހަރެއް ކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ / އެމްޑީ މުހައްމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.
ބީއެމްއެލްގެ 43 ވަނަ އަހަރީ އާއްމު ޖަލްސާގައި ވާހަކަ ދައްކަވަނުން ޝަރީފު ވިދާޅުވީ މިދިޔަ އަހަރަކީ ހަމައެކަނި ރެކޯޑު އަދަދަކަށް ފައިދާ ލިބުނު އަހަރެއް ނޫން ކަމަށާ، އެއީ ގައުމީ ބޭންކެއްގެ ގޮތުގައި ބޭންކުގެ ދައުރު ވަރުގަދަކޮށް، އިގްތިސާދީ ކުރިއެރުމަށް މަގުފަހިކޮށްދީ، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް މާލީ ހިދުމަތްތައް ފުޅާކުރި އަހަރެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ކާމިޔާބީ މިނެކިރެނީ ހަމައެކަނި މާލީ ނަތީޖާތަކުންނެއް ނޫން. އޭގެ ބަދަލުގައި ދިވެހިންގެ ދިރިއުޅުމަށާއި އަދި އަޅުގަނޑުމެންގެ އިގްތިސާދު ކުރިއަރުވާ ވިޔަފާރިތަކަށް ކުރާ ހެޔޮ އަސަރުތަކުން." ޝަރީފު ވިދާޅުވި އެވެ.
ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝަރީފް ވަނީ ހިއްސާދާރުންނާ މުޚާތަބު ކުރައްވައި، ބޭންކުން ހޯދާފައިވާ ތާރީހީ ކާމިޔާބީތަކާއި، ސްޓެރެޓެޖީއާ އެއްގޮތަށް ފުޅާކުރަމުންދާ ދާއިރާތަކާއި ޑިޖިޓަލް ކުރިއެރުންތަކުގެ އިތުރުން ކަސްޓަމަރުންނާއި މުޖުތަމައަށް މެދުނުކެނޑި ފޯރުކޮށްދެމުންދާ އެހީތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ.
މާލީ ކާމިޔާބުތައް - ވޭތުވެދިޔަ އަހަރު ބޭންކުން ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ހޯދާފައިވާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 10 އިންސައްތައިގެ ކުރިއެރުމެކެވެ. މި ކުރިއެރުމަކީ ބޭންކުން ދޫކޮށްފައިވާ ލޯނުތަކުގެ ޕޯޓްފޯލިއޯ 25 އިންސައްތަ އިތުރުވެ، 25.2 ބިލިއަން ރުފިޔާއަށް އިތުރުވުމުން ހޯދުނު ކާމިޔާބީއެކެވެ. ބޭންކުގެ ޖުމްލަ އެސެޓް 55.8 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އުފުލިފައިވާއިރު ކަސްޓަމަރުން ބެންކަށް ޖަމާކޮށްފައިވާ ފައިސާ ވަނީ 37.2 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މިއީ ކަސްޓަމަރުންގެ މެދުގައި ބޭންކަށް އޮތް އިތުބާރުގެ ވަރުގަދަކަން ހާމަކޮށްދޭ ކަމެކެވެ. ބޭންކުގެ ހަރުދަނާ ރިސްކް މެނޭޖްމެންޓުގެ އިތުރުން ގާނޫނު ލާޒިމުކުރާ މިންގަނޑަށްވުރެ މަތީގައި 48.1% ގައި ދެމެހެއްޓިފައި ހުރި ކެޕިޓަލް އެޑެކުއަސީ ރޭޝިއޯއާއި ލިކުއިޑީޓީ ޕޮޒިޝަނުން މި ނަތީޖާ އިތުރަށް ހަރުދަނާކޮށްދެ އެވެ.
ބޭންކުގެ ސްޓެރެޓެޖީގެ މައިގަނޑު ތިން ތަނބު ކަމަށްވާ ޑިޖިޓަލް ޚިދުމަތްތަކަށް އިސްކަން ދިނުމާއި ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ހިދުމަތް ދިނުމާއި ދެމެހެއްޓެނިވި ޚިދުމަތްތަކެއް ކަށަވަރުކުރުމަށް ދޭ ސަމާލުކަމަށް ސީއީއޯ ވަނީ އަލިއަޅުއްވާލާފަ އެވެ.
"ހަލުވިކަމާއެކު ބަދަލުވަމުންދާ ވެއްޓެއްގައި ބޭންކު އިތުރަށް ވަރުގަދަކުރުމަށް އަޅުގަނޑުމެން އިންވެސްޓް ކުރަމުން މިދަނީ މުސްތަގުބަލަށް. އަޅުގަނޑުމެންގެ އަމާޒަކީ ޑިޖިޓަލް ގާބިލުކަން ފުޅާކޮށް، ބޭންކުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ދިގު ރާސްތާގައި ދެމެހެއްޓެނިވި ޕްރޮޖެކްޓްތަކަށް އެހީތެރިކަން ފޯރުކޮށްދީ އަދި އަޅުގަނޑުމެންގެ މުވައްޒަފުންނަށް އިންވެސްޓްކޮށް، ދިވެހީންގެ ބޭންކުގެ ގޮތުގައި ދެމިތިބުން." ޝަރީފު ވިދާޅުވި އެވެ.
ޝަރީފްގެ ވާހަކަފުޅު ނިންމަވާލެއްވީ ބޭންކުގެ 390,000 އަށްވުރެ ގިނަ ކަސްޓަމަރުންނަށާއި، އިޚްލާޞްތެރި މުވައްޒަފުންނަށާއި، ހިއްސާދާރުން ކުރައްވާ އިތުބާރާއި ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވަމުންނެވެ. އަދި ބޭންކުގެ ޗެއަރޕާސަން އަދި ޑައިރެކްޓަރުންގެ ބޯޑުން ދެއްވާ އަގުހުރި އިރުޝާދާއި ލަފާފުޅަށް އެބޭފުޅުންނަށް އިޚްލާޞްތެރި ޝުކުރެއް ދެންނެވިއެވެ.