"އެއީތޯ އެންމެ ރަނގަޅު ގޮތަކީ، އެއަށްވުރެ ބޮޑަށް އީކުއަލް ޑިސްޓްރިބިއުޝަނެއް ނޫނީ ފެއާ ޑިސްޓްރިބިއުޝަނެއް ޕާޓީތަކަށް މެންބަރުން ހޮވިގެން ދިއުންތޯ ގައުމަށް ރަނގަޅީ، ޔަގީން ވީހާވެސް ބޮޑަކަށް ޑިސްޓްރިބިއުޓްވުން ރަނގަޅީ،" ރައީސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީސް އިންތިހާބު އެއްދުވަހެއްގައި ބޭއްވުމުން ސިޔާސީ ޕާޓީތަކަށް އެއްވަރަކަށް ފުރުސަތު ފަހިވެގެންދާނެ ކަމަށާއި، ވަކި ޕާޓީއަކަށް މަޖިލީހުގެ ސުޕް މެޖޯރިޓީ ލިބުމުގެ ފުރުސަތުވެސް ކުޑަވެގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސަންގު ޓީވީއިން ރޭ ގެނެސްދިން "އެސްޕްރެސޯ ވިތު ރައީސް" ޕެނެލްގައި އެމަނިކުފާނުވަނީ ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމުން އޮންނާނެ ފައިދާތައް ވިދާޅުވެދެއްވައިފަ އެވެ. އެ ހުރިހާ ކަމެއްވެސް ނިމެނީ އިންސާފުވެރި އަދުލުވެރި އިންތިހާބަކާކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެ އެވެ.
އެގޮތުން އެއްކަމަކަށް ރައީސް ފާހަގަކުރެއްވީ، ސަރުކާރުގެ ފަރާތުން އަންނަ އެކިއެކި ނުފޫޒުތަކާއެކު "ތިމަންނައަކީ ސަރުކާރު ކެނޑިޑޭޓް"ގެ ގޮތުގައި ލޭބަލްވެގެން މަޖިލީސް އިންތިހާބަށް ނުކުތުން ނިމުމަކަށް އައުމެވެ. އެއީ އެއްދުވަހެއްގައި ދެ އިންތިހާބު އޮތުމުން، ދެން ސަރުކާރަށް އަންނާނީ ކޮން ޕާޓީއެއްގެ ބައެއްކަންވެސް ނޭންގޭތީ އެވެ.
"މި ދަންނަވާ ވާހަކައަކީ، ސަރުކާރެއް ހޮވެގެން ދެން މަޖިލީހަށް ކުރިމަތިލާން ލިބޭ ހަ މަސް ދުވަސްތެރޭ މަޖިލީސް އިންތިހާބު މި އޮންނަ ފުރުސަތުގައި ތިމަންނައަކީ ސަރުކާރު ހިންގާ ޕާޓީގެ ކެނޑިޑޭޓޭ ކިޔާފަ ދާން އެލިބޭ ފުރުސަތު އެބަލިބޭ. އޭގެ ސަބަބުން ދެން އިދިކޮޅުގަ ތިބޭ ޕާޓީތަކުގެ ކެނޑިޑޭޓަށް ފުރަތަމަވެސް އެ ގެއްލުނީ ފެއާނެސް. ހަމަހަމަކަން ގެއްލުނީ. އެހެންނޫންތޯ ވަމުން އައީ؟ އެފުރުސަތު އެގޮތަށް ކޮންޓިނިއު ކުރާނީތޯ ނޫނީ ތިމަންނަ ކުރިމަތިލާއިރު ހަމަ އެދުވަހު ސަރުކާރެއް ހިންގަންވެސް ރައީސަކު މި ހޮވަނީ. ހޮވޭނީ ކޮން ސަރުކާރެއް ކަމެއް ނޭންގެ. އެހެންވީމާ ތިމަންނައަކީ ސަރުކާރު ކެނޑިޑޭޓޭ ކިޔާފައި ދާނެ ފުރުސަތެއް ނުލިބޭނެ،" ރައީސް އިތުރަށް ވިދާޅުވި އެވެ.
މިދިޔަ ތިން ރިޔާސީ އިންތިހާބުގައިވެސް ރައްޔިތުންގެ މަޖިލީހަށް އޭރަކު އެ އޮންނަ ސަރުކާރަކަށް ސުޕަ މެޖޯރިޓީ ލިބުނުކަން ރައީސް ފާހަގަކުރެއްވި އެވެ.
"އެއީތޯ އެންމެ ރަނގަޅު ގޮތަކީ، އެއަށްވުރެ ބޮޑަށް އީކުއަލް ޑިސްޓްރިބިއުޝަނެއް ނޫނީ ފެއާ ޑިސްޓްރިބިއުޝަނެއް ޕާޓީތަކަށް މެންބަރުން ހޮވިގެން ދިއުންތޯ ގައުމަށް ރަނގަޅީ، ޔަގީން ވީހާވެސް ބޮޑަކަށް ޑިސްޓްރިބިއުޓްވުން ރަނގަޅީ،" ރައީސް ވިދާޅުވި އެވެ.

އޭގެއިތުރުން ރިޔާސީ އިންތިހާބުތަކުގައިވެސް މައި ދެ ޕާޓީން ގާތްގަނޑަކަށް ވަރަށް ގާތުން ވޯޓު ހޯދާއިރު، އެއް ދުވަހެއްގައި ދެ އިންތިހާބު ބާއްވާނަމަ ދެ އިންތިހާބުގައިވެސް އެ މިންވަރަށް ބެހިގެން ދިއުމުގެ ޗާންސް ބޮޑުވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މާނައަކީ 50-40 ރޭންޖުގަ ދެ ޕާޓީތެރޭގަ މި ބެހިގެން ދަނީ. އެހެންވީމަ އެމްޕީސްވެސް [މަޖިލީސް މެންބަރުންވެސް] އައުމުގެ ލައިކްލީ ޕަސެންޓަކީ 40 ޕަސެންޓް 60 ޕަސެންޓް ހިސާބުގަ. އެއްވެސް ޕާޓީއަކަށް 75 ޕަސެންޓް، 80 ޕަސެންޓް، އެގޮތަށް ހޯދުމުގެ ޗާންސްވެސް ވަރަށް ކުޑަވެގެންދާނެ އެއްދުވަހެއްގަ އިންތިހާބު ބޭއްވީމަ،" ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ފާހަގަކުރެއްވީ، ވޯޓުލުމަށް އެންމެ ގިނަ ރައްޔިތުން ނުކުންނަނީ ރިޔާސީ އިންތިހާބުގައި ކަމަށާއި، ފާއިތުވި އަހަރުތަކަށް ބަލާއިރު މަޖިލީސް އިންތިހާބުގައި ވޯޓުލާން ނުކުމެފައިވަނީ އެއަށްވުރެ މަދުން ކަމަށެވެ. އެހެންކަމުން ވޯޓުލާން ނުކުންނަ ޓާންއައުޓްވެސް އިތުރުވެވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އޭގެއިތުރުން ސަރުކާރު ބަދަލުވެ، މަޖިލީސް އިންތިހާބު ބާއްވަން އެ އޮންނަ ހަ މަސް ދުވަސްތެރޭ ސަރުކާރަށް ކުރިމަތިވާ އެކިއެކި ދަތި އުނދަގޫތަކުންވެސް ސަލާމަތްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން އެ ހަ މަސް ދުވަހު މަޖިލީސްތެރޭ ކަންކަން ހިނގާ ގޮތުން ސަރުކާރަށް ދަތިތަކާ ކުރިމަތިވާކަން ފާހަގަކުރެއްވި އެވެ.
ސަރުކާރު ބަދަލުވާއިރު މަޖިލީހުގައި އޮންނަނީ އިދިކޮޅުގެ މެޖޯރިޓީ އޮންނަ މަޖިލީހެކެވެ. އެހެންކަމުން ސަރުކާރު ހިނގައިގަންނަން ވަރަށް އުނދަގޫވާ ކަމަށާއި، އެ މެޖޯރިޓީ ނެގުމަށްވެސް ފުރުސަތު ހަނިވެގެންދާކަން ރައީސް ފާހަގަކުރެއްވި އެވެ.
"ގައުމަށް އެންމެ ފައިފދާ ހުރި ގޮތް ޗޫޒް ކުރަންޏާ، ގައުމު ދެކެ ލޯބިވަންޏާ ގެންނަންވާނީ އެންމެ ރަނގަޅު އިސްލާހުތައް. އެއްވެސް ވަރަކަށް އަމިއްލަ އެދުން އިސްނުކޮށް،" ރައީސް ވިދާޅުވި އެވެ.