ރައީސް ވިދާޅުވީ އެއީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.

ސަރުކާރުން ރިޔާސީ ދައުރު ދަންމާލަން އުޅޭ ކަމަށް އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ދޮގު ކުރައްވައިފި އެވެ.
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭ ގޮތުން އަންނަ މަހު 4 ގައި ނަގާ ވޯޓާ ގުޅިގެން އިދިކޮޅު ފަރާތްތަކުން އެންމެ ގަދަ އަށް ކުރަމުން އަންނަ އެއް ތުހުމަތަކީ މިއީ ރިޔާސީ ދައުރު ފަސް އަހަރަށް ވުރެ އިތުރަށް ދަންމާލަން ސަރުކާރުން ކުރާ ކަމެކެވެ.
ރޭ ޒުވާނުންނާ އެއްކޮށް ބޭއްވި "އެކްސްޕްރެސޯ ވިތު ރައީސް" ޕެނަލްގައި އެ ސުވާލު އަމާޒުވުމުން ރައީސް ވިދާޅުވީ އެއީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.
"އެކަހަލަ ވިސްނުމެއް ނެތް. ތި ބެނާތައް ފެނޭ. އަޅުގަނޑު ހިތަށް އަރާ ކޮން ގައުމެއްގައި ބާއޭ އަނެއްކާ އަޅުގަނޑުމެންނަށް މި އުޅެވެނީ. ގައިމު ވެސް މި ގައުމުގައި ނަގަން މި އުޅޭ ވޯޓުގައި އެކަހަލަ ކަމެއް ނެތް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މިހާރު ނަގަން އުޅޭ ފެންނަ ނުފެންނަ ވޯޓުގައި ރިޔާސީ ދައުރު ދިގު ކުރާ ވާހަކައެއް ނުވަތަ ކުރު ކުރާ ވާހަކައެއް ވެސް ނޯންނާނެ އެވެ. އެފަދަ ކަމެއް ކުރުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ވޯޓަކަށް ދާން ޖެހެނީ ހަރަދުތައް ކުޑަ ކުރުމުގެ އިތުރުން އެއް ބަޔަކަށް ސުޕަ މެޖޯރިޓީ ލިބުން ނިމުމަކަށް ގެނައުމުގެ ބޭނުމުގައި ކަމަށް ރައީސް ވިދާޅުވި އެވެ.