އެމަނިކުފާނުގެ ވިސްނުމުގައި އޮތީ ޒުވާނުންނާއި އަންހެނުންނަށް ކޮންމެ ފަރާތަކަށް ވެސް 10 ޕަސެންޓު ކަނޑައެޅުން

ރައްޔިތުންގެ މަޖިލީހުން ޒުވާނުންނަށް ހާއްސަ ކުރުމަށް މިހާތަނަށް ވިސްނާފައި އޮތީ 10 ޕަސެންޓު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ މަޖިލީހުގެ ވަކި އަދަދެއް ޒުވާނުންނާއި އަންހެނުންނަށް ހާއްސަ ކުރަން ނިންމަވާފައިވާ ކަމަށާއި މަޖިލިސް މެންބަރުންގެ އަދަދު ލިމިޓު ކުރަން ގާނޫނުއަސާސީ އަށް އިސްލާހު ހުށަހަޅާއިރު އެ މާއްދާތައް ވެސް ހިމަނާނެ ކަމަށެވެ.
ރޭ ބޭއްވި "އެސްޕްރެސޯ ވިތު ރައީސް" ގެ ނަމުގައި ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ޒުވާނަކު އެމަނިކުފާނަށް ކުރެއްވި ސުވަލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ޒުވާނުންނަށް ހާއްސަ ކުރާނެ ސީދާ އަދަދެއް އަދި ފައިނަލް ނުކުރާ ކަމަށެވެ. އެކަން ނިންމާނީ މަޝްވަރާކޮށް ހިޔާލު ހޯދުމަށް ފަހުގައި ކަމަށް ރައީސް ވިދާޅުވި އެވެ.
ނަމަވެސް އެމަނިކުފާނުގެ ވިސްނުމުގައި އޮތީ ޒުވާނުންނާއި އަންހެނުންނަށް ކޮންމެ ފަރާތަކަށް ވެސް 10 ޕަސެންޓު ކަނޑައެޅުން ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ވިސްނުމުގައި އޮތީ ޒުވާނުންނަށް 10 ޕަސެންޓް. އޭގެ މާނައަކީ މިހާރު މިތިބީ 93 މެމްބަރުން، އެހެންވީމާ 10 ޕަސެންޓަކީ ގާތްގަނޑަކަށް ނުވަ މެމްބަރުން، 30 އަހަރުން ދަށުގެ ޒުވާނުން އަދި ނުވަ އަންހެން މެމްބަރުން." ރައީސް ވިދާޅުވި އެވެ.
ހާއްސަ ކުރެވޭނެ ގޮނޑިތަކަށް މެންބަރުން ހޮވާނީ ކިހިނެތްތޯ ސުވާލު ކުރުމުން ރައީސް ވިދާޅުވީ އެންމެ އިންސާފުވެރި ގޮތަކަށް ވާނީ ގުރުއަތު ލައިގެން ކަމަށެވެ.
ނަމަވެސް އެކަމާ ގުޅޭ ގިނަ މަސައްކަތްތައް އަދި ނުނިމޭތީ އިތުރު ތަފްސީލްތަކެއް ރައީސް ނުދެއްވަ އެވެ.