އަމާޒަކީ ހަރުދަނާ، ބޭނުންތެރި ހިދުމަތްތެރީން އުފައްދާ ތަނަކަށް ފުލުހުންގެ މުއައްސަސާ ވުން

ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ހަރުދަނާ ދަރީންތަކެއް ތިބި، ޤައުމަށް ބޭނުންތެރި ޚިދުމަތްތެރީންތަކެއް އުފައްދާ ތަނަކަށް ފުލުހުންގެ މުއައްސަސާ އަބަދުމެ ވުންކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ ފުލުހުންގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގެ އެކްސްގައި އެމަނިކުފާނުގެ ރަސްމީ އެކައުންޓު މެދުވެރިކުރައްވައި ދުވަހުގެ ތަހުނިޔާ ފޮނުއްވަމުންނެވެ.

ރައީސް ވާހަކަފުޅުގައި، މިއަދަކީ މި ޤައުމަށްޓަކައި ރެޔާއިދުވާލު ހިންމަތާއެކު ޚިދުމަތްކުރަމުންދާ ނޫ ލަޝްކަރުގެ ދުވަސްކަމުގައި ވިދާޅުވި އެވެ. 

މިއަދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ޚިދުމަތް އުފެދުނީއްސުރެ މިއަދާ ހަމައަށް އެކި ދުވަސްވަރު މަޤާމުގެ ވާޖިބު އަދާކުރެއްވި ކޮންމެ ފުލުހަކަށާއި ޢާއިލާއަށް ނުހަނު ލޯތްބާއެކު ތަހުނިޔާއާއި ޝުކުރު ދަންނަވާފަ އެވެ. 

އަދި މި ޤައުމުގެ ރީތިކަމާއި ހިތްފަސޭހަކަން ދެކޭ ކޮންމެ ދޭސީއަކާއި ބިދޭސީއަކަށްވެސް އަމާންކަމާއި އިތުބާރު ދިވެހިރާއްޖެއިން ކަށަވަރުކޮށްދިނުމުގައި ފުލުހުންނަކީ ޒިންމާ އަދާކުރާ، ޤާބިލް ބައެއްގެ ގޮތުގައި ދެމިތިބުމަށް އެދިވަޑައިގަންނަވާކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ހާމަކުރައްވާފައިވެ އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ 93 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، މާލެއާއި ރާއްޖޭގެ އެކި ރަށްރަށުގައި ގާއިމުކޮށްފައިވާ ފުލުހުންގެ މަރުކަޒުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ވަނީ ބާއްވައިފަ އެވެ.

މާލޭގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރޭ ފުލުހުންގެ މައި މަރުކަޒު ޝަހީދު ޙުސައިން އާދަމް ބިލްޑިން ކުރިމަތީގަ އެވެ. 

ދިދަ ނެގުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހޯމްލޭންޑް މިނިސްޓަރު ޢަލީ އިޙްސާން އެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ފުލުހުންގެ އެކްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންނާއި ގިނަ އަދަދެއްގެ ފުލުހުންނާއި އާންމު މުވައްޒަފުން ބައިވެރިވި އެވެ.

ކީރިތި ޤުރުއާނުގެ ބަރަކާތުން ފެށިގެންދިޔަ މި ރަސްމިއްޔާތުގައި ދިދަ ނެގުމަށްފަހު، ފުލުހުންގެ އަޒުމް ކިޔުމާއި ދުވަހާ ގުޅިގެން ހާއްސަ ދުޢާއެއް ކޮށްފައިވެ އެވެ. 

މި ރަސްމިއްޔާތުގައި ދިވެހި ދައުލަތަށް 43 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް (ރިޓަޔާޑް) ޢަބްދުއްޝުކޫރު ޢަބްދުﷲ އާއި ދިވެހި ދައުލަތަށް 35 އަހަށްވުރެ ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ ކައުންސެލް ޖެނެރަލް އަލްއުސްތާޛު ޙަސަން ޙަމީދުގެ ތަޢުޒިޔާގެ ދަފުތަރުގައި ސޮއިކުރެއްވުން ކުރިއަށް ގެންގޮސްފައިވެ އެވެ. 

މި ދަފުތަރުގައި، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހަދު ފިކުރީއާއި ފުލުހުންގެ ކޮމިޝަންޑު އޮފިސަރުން ސޮއިކުރެއްވި އެވެ.

ފުލުހުންގެ އަހަރީ ދުވަހާ ގުޅިގެން މާލޭގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގެ އިތުރުން ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ގާއިމުކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކުގައި ވެސް ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވާފައިވެ އެވެ. 

އެ ރަށްރަށުގައި ބޭއްވި ރަސްމިއްޔާތުތަކުގައި ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންނާއި ޕޮލިސް ސްޓޭޝަންތަކުގެ މުވައްޒަފުން ބައިވެރިވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.